ޚަބަރު

އޭލެވެލް އިމްތިޙާން ފަސްކުރުމާމެދު އަދި ގޮތެއް ނުނިންމާ


ޖޫންމަހު ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާން، ކޯވިޑް-19އާ ގުޅިގެން ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އިނގިރޭސި ވިލާތުގެ ސްކޫލުތައް ބަންދުކޮށް ސްކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ ހޫނުމޫސުން ކަމުގައިވާ މެއި ޖޫންގައި ދިނުމަށް ހަމަޖެހިފައިވާ އިމްތިޙާނުތައް ކެންސަލް ކުރިކަމުގައި ވީނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ޤައުމުތަކަށް ފޯރުކޮށްދޭ އިމްތިޙާނު (އިންޓަރނޭޝަނަލް އެގްޒެމިނޭޝަން) ތަކާމެދު އިމްތިޙާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައި ނުވާކަމަށެވެ.

އަދި މިނިންމުމާއެކު ދިވެހިރާއްޖޭގެ ދަރިވަރުން 5 ޖޫންމަހު ހެދުމަށް ހަމަޖެހިފައިވާ އިމްތިޙާންތައް ފަސްކުރުމާމެދު އަދި ގޮތެއްނިންމާފައި ނުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދަޅުވެފައެވެ.

ކޯވިޑް-19އާ ގުޅިގެން އިނގިރޭސިވިލާތުގެ ސްކޫލްތައް ބަންދުކޮށް މެއި އަދި ޖޫން މަހުގެ އިމްތިހާނު ނުބާއްވާނެކަމަށް އެޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއްޔެވަނީ އިޢުލާނުކުރައްވާފައެވެ.

ކޯވިޑް-19އާ ގުޅިގެން ސަރުކާރުންވެސް ވަނީ މިދިޔަ ހަފްތާއިން ފެށިގެން ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާފައެވެ. ޓެލެކިލާހުގެގޮތުގައި ހިންގާ މިކްލާސްތައް މިހަފްތާގައި ކުރިއަށް ގެންގޮސްފައިވީނަމަވެސް މިއަދުނެ ފެށިގެން މިމަހުގެ 26ގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ނިންމާފައިވާތީ މި ކްލާސްތައްވެސް ވަނީ މެދުކަނޑާލާފައެވެ.