ވިޔަފާރި

ކޯވިޑް-19: ދިރާގު މޯބައިލް ކަސްޓަމަރުންނަށް އިތުރު ޑޭޓާ ދެނީ


ދިރާގުގެ މޮބައިލް ޕޯސްޕެއިޑާއި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސް ދިނުމަށް ނިންމައިފިއެވެ.

ކޯވިޑް- 19 ގެ ބަލިމަޑުކަމާ ގުޅިގެން އިތުރު ޑޭޓާ އެލަވަންސް ދިނުމަށް ދިރާގުން ނިންމާފައިވަނީ މިހިނގާ މާޗް މަހާއި އެޕްރީލް މަހުއެވެ.

އެގޮތުން، ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް މަންތްލީ ޑޭޓާ ބަންޑަލްސް ތަކުން 30 އިންސައްތަ އިތުރު ޑޭޓާ އެލަވަންސް ދޭން ހަމަޖައްސާފައިވާ ކަމަށް ދިރާގުން މައުލޫމާތުދެއެވެ. މީގެ އިތުރުން، މިދުވަސްވަރު ފޯން ކުރުން އިތުރުވާނެތީ ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު ވޮއިސް އެޑް-އޮން ކަމަށްވާ "ވޮއިސް15"ގެ އަގު %50 ވެސް ދިރާގުންވަނީ ކުޑަކޮށްފައެވެ.

ދިރާގުން ބުނީ އެކުންފުނީގެ ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ތެރެއިން ޑޭޓާ އެކުލެވިގެންވާ ހުރިހާ ޕްލޭނަކަށް ހިލޭ އިތުރު ޑޭޓާ ލިބިގެންދާނެކަމަށެވެ. އެގޮތުން އެ ކަސްޓަމަރެއްގެ ޕްލޭނަކާ އެކަށީގެންވާ ގޮތަށް އެންމެ ކުޑަ ޕްލޭނުން ފެށިގެން 500 އެމްބީ އާއި 10 ޖީބީއާ ހަމައަށް އިތުރު ޑޭޓާ ލިބިގެންދާނެއެވެ. އަދި މާޗު މަހުގެ އިތުރު ޑޭޓާ "ކަނެކްޓް ޑޭޓާ" ގެ ނަމުގައި މިހާރު ވަނީ ކަސްޓަމަރުންނަށް ދީފަކަމަށް ދިރާގުން މަޢުލޫމާތުދެއެވެ. ކަސްޓަމަރުންނަށް ލިބިފައިވާ އިތުރު ޑޭޓާ ތަފްސީލް ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ބަލާލެވޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ ޤައުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށްކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.