ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމަކީ ޢާއްމުންނާ ސީދާ ގުޅުންހުރި ނުރައްކަލަކަށްވާއިރު މިކަމުގައި ސިއްޙީ މާހިރުން ބޭނުންކުރަމުންއަންނަ ބަސްތަކާއި ޢަމަލުކުރުމަށް ނަސޭޙަތްތެރިވަމުން އަންނަ ކަންކަމުގެ އެންމެ ފުރިހަމަ މައުލޫމާތު އެނގެން އެބަޖެހެއެވެ.
ސަބަބަކީ ރައްކާތެރިވުމުގެ ގޮތުން އަމިއްލައަށް އަޅާ ފިޔަވަޅުތަކެއްގެ ސަބަބުން މުޅި މުޖުތަމަޢަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަން ކުޑަކުރެވިދާނެތީއެވެ.
2020ވަނަ އަހަރާ ދުނިޔެ ކުރިމަތިލީ ކޯވިޑް-19ގެ ނުރައްކަލާ އެކުގައެވެ. މުޅިން އަދި ހަޤިޤަތް ހޯދިފައިނުވާ މިވައިރަހުން ރައްކާތެރިވުމަށް މިހާތަނަށް ހޯދިފައިވާ ހޯދުންތަކަށްބަލައި ކަމާބެހޭ ފަރާތްތަކުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. މިކަމުން ރައްކާތެރިވުމަށް ޢާއްމުންނަށް ކުރެވޭނެ ބައެއް ކަންކަން އެބަހުއްޓެވެ. އެގޮތުން ޢާއްމު ސާފުތާހިރުކަމަށް ވިސްނާހެން ބައްޔާބެހޭ ގޮތުން އެންމެ ސައްޙަ މަޢުލޫމާތު ހޯދުމަކީ ކޮންމެ މީހަކަށްމެ ކުރެވިދާނެކަމެކެވެ. މިއީ ސިއްޙީގޮތުން ކުރިމަތިވެފައިވާ މައްސަލައަކަށްވުމުން މިކަމާގުޅިގެން ކުރެވޭ މުޢާމަލާތަތަކާއި މަޢުލޫމާތު ފެތުރުމުގައި ބޭނުންކުރާ ބަހުރުވަވެސް ދެނެގަތުމަކީ މުހިންމުކަމެކެވެ.
މިވަގުތު ޢާއްމުކޮށް އަޑުއިވޭ ބަސްތަކުގެތެރޭގައި ކަރަންޓީންކުރުމާއި އައިސޮލޭޓްކުރުން ހިމެނޭއެވެ. އަދި މިދެބަސް ބައެއް ފަރާތްތަކުން އޮޅުވާލަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއާ ސައިންޓިފިކް އޮފިސަރ ސާޖިދާ މުޙައްމަދު ވިދާޅުވީ އައިސޮލޭޓް ކުރަނީ ވައިރަސްގެ ސަބަބުން ބަލީގެ ޢަލާމާތްތައް ފެންނަ މީހުންކަމަށެވެ.
އަދި ކަރަންޓީން ކުރަނީ ޢަލާމާތްތައް ނުހުންނަ އެހެންނަމަވެސް ޝައްކުކުރެވޭ އިތުރުކަންކަން ހުންނަ މީހުންކަމަށެވެ. އެގޮތުން ކޯވިޑް-19ގެ ނުރައްކާއޮތް ސަރަޙައްދަކަށް ދަތުރުކޮށްފައި އަންނަ މީހުންނާއި ވައިރަސް ހުރި މީހަކާއި ކޮންޓެކްޓް ވާ މީހުންވެސް ކުރަނީ ކަރަންޓީންކަމަށެވެ.
އައިސޮލޭޝަން އަދި ކަރަންޓީންގެ އެންމެ ބޮޑު ތަފާތެއްގެ ގޮތުން ސާޖިދާ ވިދާޅުވީ އައިސޮލޭޝަންތަކަކީ ބަލީގެ ޢަލާމާތްތައް ހުރެ އަދި ޕޮޒިޓިވްވެފައިވާ މީހުން އެކަހެރިކުރުންކަމަށްވާއިރު އެތަނުގައި ސިއްޙީ ފަރުވާ ދެވޭނެ ހުރިހާ އިންތިޒާމެއް ހުންނާނެކަމަށެވެ.
އަދި ކަރަންޓީން ކުރަނީ ބަލީގެ އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް ވައިރަސް ހުރެދާނެކަމަށް ޝައްކުކުރެވޭ މީހުންކަމަށްވާތީ އެމީހުން އެކަހެރިކުރާތަނުގައި ސިއްޙީ ފަރުވާ އެންމެ ފުރިހަމައަށް ދޭވޭގޮތަށް ނުހުންނާނެކަމަށެވެ. އެގޮތުން ރާއްޖޭގައި މިވަގުތު އައިސޮލޭޝަނެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ފަރުކޮޅުފުއްޓެވެ. އަދި ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަނީ ވިލިވަރެވެ. ބަލީގެ ޢަލާމާތްތައް ފެންނައިރު ކަރަންޓީން ފެސިލިޓީއެއްގައި ހުރިނަމަވެސް މުމުއްދަތުގެ ތެރޭގައި ޓެސްޓުކޮށް އަދި ޢަލާމާތްތައް ފެންނަން ފަށައިފިނަމަ ވަގުތުން އައިސޮލޭޝަން ފެސިލިޓީއަށް އެމީހާ ބަދަލުކުރާނެއެވެ.
މީގެ އިތުރުން ބައެއް ޙާލަތްތަކުގައި ހޯމް ކަރަންޓީން ނުވަތަ ގޭގައި މަޑުކުރުމަށްވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. މިގޮތަށް ހަމަޖައްސަނީ އެމީހެއްގެ ޓްރެވެލް ހިސްޓްރީއެއް ނެތް އަދި ބަލީގެ ޢަލާމާތް ނެތް އެހެންނަމަވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެކަހެރިކުރުމަށް ނިންމާ މީހުންނެވެ. މިމީހުންވެސް ކަމާބެހޭ ފަރާތްތަކުން އަންގަމުންދާ އެންގުންތަކާ އެއްގޮތަށް އަމިއްލަ ފަރުދީ ޒިންމާކަމުގައި ދެކިގެން އެހެން މީހުންނާއި އެކަހެރިވެ ހުރުމަކީ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަރުދީގޮތުން ކުރެވޭނެ މުހިއްމުކަމެކެވެ.