ދުނިޔެ

އެމެރިކާވެސް އޮތީ ސައުދީއާއި އެކު އީރާނުގެ ސިޔާސަތުތަކާ ދެކޮޅަށް


މެދުއިރުމަތީގައި އީރާން ގެންގުޅެނީ އުދުވާނީ ސިޔާސަތުތަކެއް ކަމަށް ސިފަކޮށް އެސިޔާސަސަތުތަކާ ދެކޮޅު ހެދުމުގައި ސައޫދީ އަރަބިޔާއާއެކުގައި އެމެރިކާ ވާކަމަށް އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރ ވިދާޅުވެއްޖެއެވެ.އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތައް ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުމަށް ސައޫދީ އަރަބިޔާގެ ރުހުން ހޯދުމުގެ ގޮތުން އެގައުމަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ކާޓަރ ވިދާޅުވީ ސައޫދީ ކަންބޮޑުވާ މައްސަލަތަކުގައި އެގައުމާއެކު ދިފާޢީ ގުޅުންތައް ވަރުގަދަ ކުރުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ.އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމަށް އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާދެމެދު ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުމަށް ދެކޮޅުހަދާ ދެގައުމަކީ އިސްރާއީލާއި ސައޫދީ އަރަބިޔާއެވެ. އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރުގެ މިދަތުރުފުޅަކީ މިދެކޮޅުހެދުންތައް ކުޑަކޮށް މިދެގައުމުގެ ލީޑަރުން ހިތްޕުޅު ހަމަޖެއްސެވުމަށްޓަކައި އެދެގައުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ކާޓަރު ފުރަތަމަ ވަޑައިގެންފައިވަނީ އިސްރާއީލަށެވެ. އެއަށްފަހު އިއްޔެ ކާޓަރުވަނީ ސައޫދީ އަރަބިޔާއަށް ވަޑައިގެން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާ ބައްދަލުކުރައްވާފައެވެ.އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމަށް ސައޫދީން ދެކޮޅުހަދާ މައިގަނޑު ސަބުތަކުގެ ތެރޭގައި އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިއެއްބަސްވުމުގެ ސަބަބުން އުވާލުމާއި ހުޅަނގާއި އީރާން ގާތްވުމާއި އިގްތިސާދީ ގޮތުންނާއި މާލީގޮތުން އީރާނަށް ބޮޑެތި މަންފާތަކެއް ލިބިގެންދިޔުން ހިމެނެއެވެ. މިކަންކަމުގެ ސަބަބުން ސަރަހައްދުގެ ބޮޑުބާރަކަށް އީރާންވެ އީރާނާ ކުރިމަތިލާން ދަތިވާ ހިސާބަށް ކަންތައްދާނެ ކަމަށް ސައޫދީން ދެކެއެވެ. އަދި ހުޅަނގުގެ އެންމެ ބޮޑު ބައިވެރިޔާގެ ގޮތުގައި އޮވެގެން މެދުއިރުމަތީގައި ސައޫދީ އަރަބިޔާ ޒަމާނުއްސުރެ އަދާކުރަމުން ގެންދާ ދައުރަށް މިއެއްބަސްވުމުގެ ސަބަބުން ބުރޫއަރާނެ ކަމުގެ ބިރު ސައޫދީ މަސްއޫލުވެރިން އިޙްސާސްކުރައްވައެވެ.އީރާނަކީ ސައޫދީ އަރަބިޔާއާއި ގަލްފުގެ އަރަބި އެހެން ހުރިހާ ގައުމުތަކަކަށްވުރެ އިލްމީގޮތުންނާއި މަސައްކަތް ތެރިކަމުގެ ގޮތުންނާ އަދި ޓެކްނޮލޮޖީގެ ގޮތުން މާބޮޑަށް ކުރިއަރާފައިވާ އަދި އާބާދީގެ ގޮތުން މާބިޔަ އަދި އަސްކަރީ ތަޖްރިބާ މާބޮޑު ގައުމެކެވެ. އެހެންކަމުން ހުޅަނގާއި އީރާނާދެމެދުގައި އޮންނަ ހަތުރުވެރިކަން ކެނޑި ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާން ސަލާމަތްވެއްޖެނަމަ އީރާނާ ވާދަކުރުމަކީ ބޮޑު ގޮންޖެހުމެއްކަމަށް ސައޫދީން ދެކެއެވެ.އީރާނާ މުއާމަލާތް ކުރުމުގައި ސައޫދީ އަރަބިޔާ ކުރިން ގެންގުޅެފައިވަނީ މަޑުމައިތިރި އަދި ޑިޕްލޮމެޓިކް ސިޔާސަތުތަކެކެވެ. ނަމަވެސް ސައޫދީ މިހާރުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރަސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސައޫދީ އަރަބިޔާވަނީ އީރާނުގެ ނުފޫޒާ ކުރިމަތިލުމަށް ކަމަށްބުނެ އަސްކަރީ ހަރުކަށި ސިޔާސަތުތަކެއް ގެންގުޅެން ވަނީ ފަށާފައެވެ. މިސިޔާސަތުތަކުގެ ދަށުން ސައޫދީ އަރަބިޔާވަނީ ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށްވެސް އަސްކަރީގޮތުން ވަދެގެންފައެވެ.އިރާގާއި ސޫރިޔާފަދަ ގައުމުތަކުގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ އަސްލަކީ ސައޫދީ އަރަބިޔާ ގެ އެއްބާރުލުމާއެކު އެމެރިކާ މެދުއިރުމަތީގައި ކޮށްފައިވާ ހަނގުރާމަތަކާއި ހިންގާފައިވާ ހަރުކަށި އަމަލުތަކުގެ ނަތީޖާ ކަމަށް އީރާނުންދެކެއެވެ. އަދި އިރާގާއި ސޫރިޔާގައި ހަރުކަށި އަމަލުތައް ހިންގަމުން ގެންދާ އައިއެސްފަދަ ހައްދުފަހަނަޅާފައިވާ ޖަމާއަތްތައް އުފެދި މުޅި ސަރަހައްދަށް ކުރިމަތިވެފައިވާ ނުރައްކަލެއްގެ ގޮތުގައި އެފަދަ ޖަމާއަތްތައް ބޮޑުވެ ފުޅާވެގެން ދިޔައީވެސް ސައޫދީންގެ ސަބަބުން ކަމަށް އީރާނުން ތުހުމަތުކުރެއެވެ.އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމަށް ސައޫދީންގެ ރުހުން ހޯދުމަށްޓަކައި އެމެރިކާގެ ދިފާއީ ވަޒީރު ގިނަކަންތައްތަކެއް ސައޫދީ މަސްއޫލުވެރިންނަށް ހުށަހެޅުއްވި ކަމަށްވެއެވެ. މީގެތެރޭގައި ސައޫދީ ރަސްކަމުގެ ނިޒާމާއި ޝާހީ ޢާއިލާ ހިމާޔަތް ކުރުމުގައި އެމެރިކާ ޖާމިނުވާމިންވަރު އިތުރަށް ކަށަވަރުކޮށްދިނުމާއި ސައޫދީ ކަންބޮޑުވާ މައްސަލަތަކުގައި އެގައުމާއެކު ދިފާޢީ ގުޅުންތައް ވަރުގަދަކުރުމާއި އެމެރިކާގެ ޒަމާނީ ހަތިޔާރު ސައޫދީ އަށް ލިބޭނެ ކަމުގެ ޔަގީންކަން ދިނުން ހިމެނޭކަމަށް މުރާސިލުން ބުނެއެވެ.