ޕްބްލިކް ސަރވިސް މީޑިޔާއިން ނެރުނު، ދިވެހި ބަހުގެ ބަހުރުވަތައް ހިމެނޭ ލަވަ ސިޑީއަކީ ރާއްޖޭގައި އުފެއްދި މިފަދަ ފުރަތަމަ ގައުމީ ލަވަ ސީޑީއެވެ.ޕަބްލިކް ސަރވިސް މީޑިޔާގެ މި އުފެއްދުން ނެރެދެއްވީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކޮށްދެއްވާފައިވާ، އަދި ސަރުކާރުގެ މަތީ މަގާމްތަކެއް ފުރުއްވާފައިވާ އައް ނަބީލާ ހަބީބާ ހުސައިން ހަބީބުއެވެ. ދިވެހި ރާއްޖޭގެ އަޑުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސީޑީ ނެރެދެއްވުމަށްފަހު ހަބީބާ ވިދާޅުވީ، ދިވެހި ބަހުގެ ބަހުރުވަތަކަކީ ބަހަށް މުއްސަނދިކަން ގެނުވާ އެއްޗެއް ކަމަށާއި، މިފަދަ ލަވަ އަލްބަމެއް ނެރުމަށް ޕަބްލިކް ސަރިވިސް މީޑިޔާއިން އިސް ނެގީތީ އުފާކުރައްވާ ކަަމަށެވެ."ބަހުރުވަތަކުގެ އިތުރުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކޮންމެ އަތޮޅެއްގައި ތަފާތު ރާގެއް، ތަފާތު ބަސްތައް ބޭނުން ކުރަމުންދާކަން. މިފަދަ ކަންކަން އަޅުގަނޑުމެން ފާހަގަކޮށް، މިފަދައިން ކުރެވޭ ބަހުގެ މަސައްކަތްތަކުގައި އެބައިވެސް ހިމަނަންޖެހޭ. އޭރުން ބަހުގައި ފޮރުވިފައިހުރި މުންސަނދިކަން ހާމަވާނެ." ލަވަ ސިޑީ ނެރެެދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ހަބީބާ ވިދާޅުވިއެވެ. 4 ބަހުރުވައިގެ މި ޤައުމީ ލަވަ ސީޑީގައި ޖުމްލަ 4 ލަވަ ހިމެނެއެވެ. މި 4 ލަަވަ ކިޔާފައިވަނީ ދިވެހި ބަހުގެ ރަސްމީ ބަހުރުވައިގެ އިތުުރުން ފުވައްމުލައް، ހުވަދޫ، އަދި އައްޑޫގެ ބަހުރުވައިންނެވެ.މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ސަރވިސް މީޑިޔާގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު އިކްރާމް ވިދާޅުވީ، މި މަސައްކަތަކީ ޕަބްލިކް ސަރިވިސް މީޑިޔާގެ ގާނޫނުން ލާޒިމް ކުރާ ކަންތައްތަކުގެ ތެރެއިން ދިވެހި ބަހާއި، ދިވެހި ސަގާފަތް އާލާ ކުުރުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ."ޕަބްލިކް ސަރވިސް މީޑިޔާ އުފެދިފައިވަނީ އެ މަގްސަދު ހާސިލް ކުރުމަށް. ރާއްޖޭގެ ދެކުނުގައި އެކަންޏެއް ނޫން. އުތުރާއި މެދު ރާއްޖޭގައިވެސް ބަސް ބޭނުން ކުރުމުގައި ތަފާތު ތަކެއް އެބަހުރި. އަޅުގަނޑުމެން އެކަންތައްތައް ބަލާ، ފައިދާހުރި ގޮތުގައި ރައްޔިތުންނާއި ހިސާބަށް ގެންނާނަން. މިލަވަ އަލްބަމަކީ އެ މަސައްކަތުގެ ބައެއް. އަޅުގަނޑުމެން މިހާރު މި ވިސްނަމުންދަނީ ބަހުރުވަތަކަށް ޚާއްސަކޮށް އަޑުންނާއި، އެފް އެމް ޗެނަލްއިން ގެންނަ ޕްރޮގްރާމްތައް މިހާރަށް ވުރެ ފުޅާ ކުރުމަށް." އިކްރާމް ވިދާޅުވިއެވެ. ޕަބްލިކް ސާރިވިސް މީޑިޔާގެ ގައުމީ ލަވަ ސިޑީގައި ހިމެނޭ ލަަވަތަކުގެ އޯޑިއޯ އަދި ލިރިކްސް ޕީއެސްއެމްގެ ވެބްސައިޓު www.psmnews.mv އިން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.