ސިއްހީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ބަޖެޓު ފައިސާ ހޭދަކުރުމަށް ދޫކުރެވެންހުރި އެންމެ ފުޅާ މިނެއްގައި އިހްތިޔާރާއި ބާރުވެރިކަން އެތަންތަނަށް ދޫކުރާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓަރ ވިދާޅުވީ، ސިއްހީ ހިދުމަތަކީވެސް ލާމަރުކަޒު ކުރެވިގެންދެވޭ ހިދުމަތަކަށް ހެދުމުގައި ހޮސްޕިޓަލްތަކުގެ މެނޭޖަރުންނާއި ރަށްރަށުގެ ކައުންސިލްތަކުގެ ޒިންމާވެސް ބޮޑުކަމަށެވެ.
ހެލްތް މިނިސްޓަރ ށ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ސިއްހީ ދާއިރާ ތަރައްޤީކުރުމުގައި އަދުގެ ސަރުކާރުގެ ސިޔާސަތުތަކާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، މިދާއިރާއަކީ އާއްމުންގެ އިތުބާރު ލިބިފައިވާ ދާއިރާއަކަށް ހެދުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށެވެ. އަދި ދުރަށް ދަތުރުނުކޮށް އެމީހެއްގެ އަމިއްލަ ވަޒަނުގައި ތިބެގެން ސިއްހީ ހިދުމަތްލިބިދެވެނޭ އިންތިޒާމް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، ނަމަވެސް އެކަން ކުރެވެން އޮތީ ރަށްރަށުގެ ކައުންސިލްތަކުންވެސް ފުރިހަމަ އެއްބާރުލުން ލިބިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހެލްތް މިނިސްޓްރީިން މިއަހަރަށް ހިންގުމަށް ކަނޑައަޅާފައިވާ ޕީ.އެސް.އައި.ޕީގެ މަޝްރޫޢުތަކުގެ ތެރެއިން ކައުންސިލްތަކަށް ހަވާލުކުރެވެންހުރި ހުރިހާ މަޝްރޫޢެއް މިހާރު ކައުންސިލްތަކާއި ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ އަމީން ވިދާޅުވީ، ޞިއްހީ ދާއިރާއިން ޢުމްރާނީ ތަރައްޤީއަށް ހިންގޭ މަޝްރޫޢުތަކާއި އެއްވަރަށް ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް އެ ރަށެއްގައި ޤާއިމުކުރެވިފައި ހުރުން މުހިއްމުކަމަށެވެ. އަދި ސިއްހީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން، ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދޫކުރެވެންހުރި އެންމެ ފުޅާ މިނެއްގައި ބަޖެޓް ހޭދަކުރުމުގެ އިހްތިޔާރާއި ބާރުވެރިކަން އެތަންތަނަށް ދޫކުރާނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
"ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި ތަރައްޤީކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކުގައި ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަށްޓަކާ އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެގޮތުން ހެލްތް ސެކްޓަރގެ ބަޖެޓުގެ ތެރެއިން ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދޫކުރެވެން ހުރި އެންމެ ފުޅާ މިނެއްގައި ބަޖެޓް ހޭދަކުރުމުގެ އިހްތިޔާރާއި ބާރުވެރިކަން ދޫކުރާނަން. ޖަޒީރާ ދިރިއުޅުމުގެ ހަޤީޤީ ރާހަތު ރައްޔިތުންނަށް ލިބޭނެހެން ކަންކަން ބައްޓަންކުރާނަން" ހެލްތު މިނިސްޓަރ އަބުދުﷲ އަމީން ވިދާޅުވިއެވެ.
ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، އަތޮޅުތެރޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް މިހާތަނަށް ކުރެވިފައިހުރި މަސައްކަތްތަކުގައި ރަށްރަށުގެ ހޮސްޕިޓަލްތަކުގެ މެނޭޖަރުންގެ ދައުރު ވަރަށް ބޮޑުކަމަށެވެ. އަދި މި ދާއިރާއަށް އާއްމުންގެ އިތުބާރު ހޯދުމަށާއި ރައްޔިތުންނާއި ވީހާވެސް ގާތުން ސިއްހީ ހިދުމަތްތައް ލިބޭނެ މަގުފަހިކޮށްދިނުމަށް މެނޭޖަރުން ކުރާ މަސައްކަތްތައް މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ރާއްޖޭގައި ހުރިހާ ހިސާބެއްގައިވެސް އަޅުގަނޑު ފާހަގަކުރާހިތް އޮތީ މެނޭޖަރުންގެ ހިދުމަތުގެ ސަބަބުން ރަށްރަށުގައި ޤާއިމުކުރެވިފައިވާ ސިއްހީ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނަމުންދާކަން. އެބޭފުޅުންގެ މަސައްކަތުގެ ސަބަބުން ހިދުމަތުގެ ފެންވަރު ރަނގަޅުވުމަށާއި، ވަސީލަތް ހަމަކުރުމަށާއި، ހިދުމަތް އަވަސްކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތަށް ބާރުމިން އައިސް އޭގެ ސަބަބުން ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާކަމީ މިއަދު ޤަބޫލުކުރަންޖެހޭ ހަޤީޤަތެއް" ހެލްތު މިނިސްޓަރ އަބުދުﷲ އަމީން ވިދާޅުވިއެވެ.
މިއަހަރަކީ އާއްމު ސިއްހަތަށް ހޭލުންތެރިކުރުވުމަށް ހާއްސަކޮށްފައިވާ އަހަރުކަން ފާހަގަކުރައްވައި މިނިސްޓަރ އަމީން ވަނީ ރާއްޖޭގެ ޕަބްލިކް ހެލްތުގެ ނިޒާމް ހަރުދަނާކުރުމަށް މުހިއްމު މަސައްކަތްތަކެއް މިހާރު ކުރެވެމުންދާކަން ފާހަގަ ކުރައްވާފައެވެ.