ކޯވިޑް-19އާއި ގުޅޭގޮތުން ރާއްޖޭގެ އެންމެފަހުގެ ޙާލަތާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައ ހެލްތް މިނިސްޓްރީން ވެބްސައިޓެއް ލޯންޗުކޮށްފިއެވެ.
މި ވެބްސައިޓްގައި މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޕޮސިޓިވްވި މީހުންގެ އަދަދުތަކާއި، ބަލީގެ ސަބަބުން ކަރަންޓީން ކުރި މީހުންގެ އަދަދުތަކާއި، އަދި ބައްޔަށް ޝައްކުވެގެން އެކަހެރިކުރާ މީހުންގެ ތަފާސް ހިސާބު މަޢުލޫމާތު ވަގުތުން ވަގުތަށް ފެންނަން ހުންނާނެއެވެ.
މީގެއިތުރުން ރިސްކް އެލާޓުތަކާއި ގުޅޭ މައުލޫމާތުވެސް ފެންނަން ހުނާނެއެވެ. އަދި ވަކި ސަރަޙައްދަކުން ޝައްކު ކުރެވޭ މީހަކު ފެނިއްޖެނަމަ އެސަރަހައްދަކަށް ނުވަތަ އެރަށަށް ނެރޭ އޮރެންޖް އެލަރޓާއި ގުޅޭ މަޢުލޫމާތުތަކާއި، އެފަދަ އެލާޓެއް ނެރޭ ސަރަހައްދުތަކުގެ މަޢުލޫމާތުވެސް އެ ވެބްސައިޓުން ވަކިން ބަލާލެވޭނެއެވެ.
އަދި ކޭސްތައް ފެންނަ ތާރީޚުތަކާއި، އެޗްޕީއޭއިން މޮނިޓަރ ކުރާ ރަށްތަކާއި އަދި މީހެއްގެ ސާމްޕަލް ޓެސްޓް ކުރަން ފޮނުވިނަމަ އެކަމާއި ގުޅޭ މަޢުލޫމާތުތައް ތާރީޚުތަކާއިއެކީ ފެންނާނެގޮތަށްދަނީ އަޕްޑޭޓްކުރަމުންނެވެ.
ވެބްސައިޓުން ކޮވިޑް-19އިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ މަޢުލޫމާތުތައްވެސް ލިބެން ހުންނާނެއެވެ. އަދި ބައްޔާއި ގުޅިގެން އެހީ ހޯދުމަށް ގުޅާނެ ނަންބަރުތައްވެސް ހުންނާނެއެވެ.
ކޮވިޑް-19އާއި ގުޅޭ ފަހުގެ މަޢުލޫމާތު covid19.health.gov.mv އަށް ޒިޔާރަތްކޮށްލުމުން ބަލާލެވޭނެއެވެ.
ރާއްޖޭގެ ޙާލަތުގެ އިތުރުން ކޮވިޑް-19ގައި ދުނިޔޭގެ ޙާލަތާއި ގުޅޭ ބައެއް މަޢުލޫމާތުތައްވެސް ވެބްސައިޓްގައި ހުންނާނެއެވެ.
ކޮވިޑް 19އަށް މިހާތަނަށް ރާއްޖެއިން 4 މީހުން ވަނީ ޕޮސިޓިވް ވެފައެވެ. މި ހުރިހާ ފަރާތްތަކަކީވެސް ބިދޭސީންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން މަޢުލޫމާތުދެއެވެ.