ޚަބަރު

ޑޮކްޓަރަށް ދެއްކުމަށް އެދިފައިވާ ހުރިހާ ޤައިދީންނަށް ފުރުސަތު ދީފި


ޤައިދީންގެ ތެރެއިން ޑޮކްޓަރަށް ދެއްކުމަށް އެދިފައިވާ ހުރިހާ ޤައިދީންނަށް މިދިޔަ މަހުގެތެރޭގައި އެ ފުރުސަތު ފަހިކޮށްދީފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ކަރެކްޝަނަލް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފެބުރުއަރީމަހު ޖުމުލަ 854 ޤައިދީއަކު ވަނީ ޑޮކްޓަރަށް ދައްކާފައެވެ.

ކަރެކްޝަންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ތެރޭގައި 177 ޤައިދީއަކު ވަނީ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް އެދިފައެވެ. ޖަނަވަރީމަހުގެ ރެފަރަލް އެޕޮއިންޓްމެންޓްތަކާއެކު މިދިޔަ މަހު ޖުމުލަ 297 ޤައިދީއަކު ވަނީ ސްޕެޝަލިސްޓުންނަށް ދައްކާފައެވެ. ކަރެކްޝަނަލް ސަރވިސްގެ ތަފާސް ހިސާބުތަކުގައި ވަނީ މިދިޔަ މަހު ސްޕެޝަލިސްޓުންނަށް ދެއްކުމަށް އެދިފައިވާ ދާއިރާތަކުގެ ތަފްސީލުވެސް ހިއްސާކުރައްވާފައެވެ.

މިދިޔަ މަހު އެންމެ ގިނަ ޤައިދީން އެދިފައިވަނީ، ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަށް ދެއްކުމަށެވެ. އެގޮތުން މިކަމަށް 17 އިންސައްތަ ޤައިދީން ވަނީ އެދިފައެވެ. ކަށީގެ ބަލިތަކަށް ފަހު ދެން އެންމެ ގިނައިން އެދިފައިވަނީ ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަށް ދެއްކުމަށެވެ. އެގޮތުން 16 އިންސައްތަ ޤައިދީން ވަނީ ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަށް ދެއްކުމަށް އެދިފައެވެ. މީގެ އިތުރުން ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަށް ދެއްކުމަށް 8.4 އިންސައްތަ. ނާރުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަށް ދެއްކުމަށް 7.9 އިންސައްތަ، ހިތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަށް ދެއްކުމަށް 7.3 އިންސައްތަ އަދި ކަރުންމަތީގެ ޑޮކްޓަރަށް ދެއްކުމަށް 6.7 އިންސައްތަ ޤައިދީން ވަނީ އެދިފައެވެ.

މީގެ އިތުރުން މިދިޔަ މަހުގެ ތެރޭގައި އެތެރެހަށީގެ ބަލިތަކަށާއި، ފުއްޕާމޭގެ މައްލަސަތަކާއި ގުޅިގެން 4.5 އިންސައްތަ ޤައިދީން ވަނީ ޑޮކްޓަރަށް ދައްކަން އެދިފައެވެ. އަދި ހަމަމިއާއެކު މިދިޔަ މަހުގެ ތެރޭގައި ސައިކެޓްރިސްޓަކަށް ދެއްކުމަށް 2.8 އިންސައްތަ ޤައިދީން އެދިފައިވާއިރު، އޮޕަރޭޝަން ޑޮކްޓަރަށް ދެއްކުމަށް 2.2 އިންސައްތަ ޤައިދީން އެދިފައިވެއެވެ. މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ މަދުން އެދިފައިވާ ސްޕެޝަލިސްޓް ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އަންހެނުންގެ ޚާއްސަ ޑޮކްޓަރަށް ދެއްކުމަށާއި، މެކްސިލޯފޭޝަލް ސަރޖަނުންނަށް ދެއްކުމަށެވެ. މޫނުމަތީގެ އައިބުތައް ފިލުވާ ޑޮކްޓަރުން ނުވަތަ މެކްސިލޯފޭޝަލް ސަރޖަނުންއަށް ދެއްކުމަށް މިދިޔަ މަހު އެދިފައިވަނީ، 1.1 އިންސައްތަ ޤައިދީންނެވެ. އަދި އަންހެނުންގެ ޚާއްސަ ޑޮކްޓަރަށް ދެއްކުމަށް އެދިފައިވަނީ 0.5 އިންސައްތަ ޤައިދީންނެވެ. މިދިޔަ މަހުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމަށް އެދުނު ޤައިދީންގެ ތެރެއިން 4.5 އިންސައްތަ ޤައިދީން ވަނީ އެޑްމިޓްކޮށްގެން ފަރުވާހޯދުމަށް އެދިފައެވެ.

މިދިޔަ މަހުގެތެރޭގައި ޤައިދީންގެ ތެރެއިން ޑޮކްޓަރަށް ދެއްކުމަށް އެދިފައިވާ ހުރިހާ ޤައިދީންނަށް އެ ފުރުސަތު ފަހިކޮށްދީފައިވާކަން ކަރެކްޝަންސްއިން ހާމަކުރައްވާފައިވާއިރު، މާފުށީ ޖަލުގައި މެޑިކަލް ސެންޓަރެއް ޤާއިމުކޮށް ފަރުވާދިނުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާކަން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވީ މިފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަން ނިންމީ މާފުށީ ޖަލަކީ އެންމެ ޤައިދީން ގިނަ ޖަލަށް ވެފައި އައިޖީއެމްޗަށް ޤައިދީން ގެންދިއުމުގައި ހުރި ދަތިތައް ހައްލުކުރުމުގެ ގޮތުންކަމަށެވެ.