މާލެ-ވިލިންގިލި-ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖްގެ މަސައްކަތް ކުރަނީ އިންޑިއާގެ ލޯނު އެހީގައިކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.
ގްރޭޓާރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތްތައް ޢަމަލީ ގޮތުން ފެށުމުގެ ކުރިން، ކުރިއަށްގެންދާ ސާރވޭގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ވަނީ މިއަދު ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްފައެވެ. ސާވޭ މަސައްކަތުގެދަށުން މިހާރު ފެށުމަށް ތައްޔާރުވަނީ ސައިޓްތަކުގައި ކުރިއަށްދާ ޢަމަލީ ސަރވޭގެ މަަސައްކަތްތަކެވެ. އެގޮތުން ބްރިޖް ގުޅާލާ ކަނޑުގެ ސަރަޙައްދާއި، އަދި ބްރިޖްގެ މަސައްކަތްތައް ހިންގާނެ އެއްގަމު ސަރަޙައްދުތަށް ސަރވޭ ކުރުމަށްވަނީ ހަވާލުކޮށްފައެވެ.
މި މަސައްކަތް ބޭރުގެ ކުންފުންޏާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްތްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ސަރވޭގެ މަސައްކަތް ހަވާލުކުރީ މިމަސައްކަތުގައި ދުނިޔޭގައި އެންމެ ތަޖުރިބާކާރު ތިން ކުންފުނިތޭރޭގައި ހިމެނޭ ކުންފުންޏަކަށް ކަމަށެވެ.
އަކްރަމް ކަމާލުއްދީން ވިދާޅުވީ ސަރވޭގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެއްގަމާއި ކަނޑުން 28 ބޯހޯލް ތޮރުފައިގެން ދިރާސާކުރާނެކަމަށެވެ. މިމަސައްކަތުގެ އަގަކީ 15މިލިއަން ޑޮލަރެވެ.
"މި ކުރިއަށްގެންދަނީ ފައިނަލް ޑިޒައިނަށް ބޭނުންވާ ސަރވޭތަކެއް ހެދުން. އެގޮތުން ކަނޑުގ ސަރަޙައްދުން 23 ބޯހޯލް ތޮރުފާނެ. އަދި އެއްގަމުން 5ބޯހޯލް ތޮރުފާނެ." އަކްރަމް ކަމާލުއްދީން ވިދާޅުވީއެވެ.
ބްރިޖްގެ ބިޔަ މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރުޢޫއެއްކަން އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ.
"ބައިބަޔަށް މަސައްކަތްތައް ކުރިއަށްދަނީ. ސަރވޭތައް ޖުލައިއަށް ނިންމައި ޓެންޑަރިންއަށް ހުޅުވާލާނަން. ބިޑްގެ ޕްރިކޮލިފިކޭޝަން މަސައްކަތްތައްދާނީ އިންޑިއާގައި. މިއީ ިއިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަސައްކަތެއް. ޓެންޑައިންގ ނިންމައި ސައިޓުން ޢަމަލީ މަސައްކަތް ފެންނަން ފަށާނީ ސެޕްޓެމްބަރުގައި." އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.
އަކްރަމް ކަމާލުއްދީން ވިދާޅުވީ ބްރިޖްގެ އަގު އަދި ފައިނަލް ނުވާކަމަށެވެ. ނަމަވެސް ބްރިޖާއި ގުޅުންހުރި ހުރިހާ މަސައްކަތަކީވެސް އިންޑިއާއިއެކު ކުރިއަށްދާ މަސައްކަތެއްކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
"ބޭރު ސަރުކާރަކުން ކުރާ ކަމެއްވީމައި އެ ޤައުމެއްގެ ކުންފުންޏެއް ބައިވެރިކޮށްގެން މަސައްކަތްކުރާނީ. އެކޮޅުން މަސައްކަތްތައް ޓެންޑަރ ކުރާނީ. ޕްރޮސެސް އެބަ ކުރިއަށްދޭ. މަސައްކަތް ހަވާލުކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދޭ." އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.
އަލަށް ހަދާ ބްރިޖަކީ 6.7 ކިލޯމީޓަރުގެ ބްރިޖެކެއްކަމަށް ޕްލޭނިނިްގ މިނިސްޓަރ އަސްލަމް މީގެކުރިންވަނީ ވިދާޅުވެފައެވެ. އަދި ބްރިޖް ހަދާނީ ކޮޅަކަށް 2 ލޭނަށްވުރެ މަދު ނުވާގޮތަށްކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.