ހދ. ނޮޅިވަރަމުން އަލަށް ގޯތިލިބޭމީހުންގެ ތެރެއިން ދިރިއުޅުމަށް ދޫކުރާ ގޯތިލިބޭ ސަރަހައްދު ކަނޑައެޅުމަށްޓަކައި ގުރުއަތުލުން އަންނަ އާދިއްތަދުވަހު ބާއްވަން ނިންމައިފިއެވެ. ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާއިން މިހާރު ވަނީ ހދ. ނޮޅިވަރަމުން އަލަށް ދޫކުރާ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތިލިބޭ 75 ފަރާތުގެ ލިސްޓް މުރާޖަޢާކޮށް އަލުން ލިސްޓް އިއުލާންކޮށްފައެވެ. އެގޮތުން މި މީހުންގެ މެދުގައި، ގޯތިލިބޭ ސަރަހައްދު ކަނޑައެޅުމަށްޓަކައި ގުރުއަތުލުން އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 20:45 ގައި ނޮޅިވަރަމް ސްކޫލް ހޯލްގައެވެ.
މި ގުރުއަތުގައި ބައިވެރިވެވޭނީ ގޯތިލިބޭފަރާތް ނުވަތަ ފޯމްގައި ބަދަލުގައި ހަމަޖައްސާފައިވާ ފަރާތަށެވެ. މީގެ އިތުރުން އެހެން ފަރާތެއް ގުރުއަތު ނެގުމަށް ހަމަޖައްސަން ބޭނުންވާނަމަ ބަދަލުގައި ހަމަޖައްސާ ފަރާތުގެ އައިޑީކާޑް ކޮޕީ އަކާއެކު މައުލޫމާތު 08 މާރޗް 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން ހުށަހެޅުމަށް ނޮޅިވަރަމް ކައުންސިލް އިދާރާއިން ވަނީ އަންގާފައެވެ.
ހދ. ނޮޅިވަރަމުން ގޯތި ދޫކުރުމުގައި ކައުންސިލުން ޕޮއިންޓު ދީފައިވަނީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި، އަލުން ގުރުއަތުލުމަށް ފަހު ގޯތި ދޭން އެ ރަށު މެޖިސްޓްރޭޓް ކޯޓުން މިދިޔަ އަހަރު ވަނީ ހުކުމްކޮށްފައެވެ. ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކުރެއްވި ހުކުމުގައި ވަނީ ދައުވާކުރި ފަރާތައް ޕޮއިންޓު ދީފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ. ގޯއްޗަށް ކުރިމަތިލުމުގައި އޭނާ ބައެއް ލިޔެކިޔުންތައް ހުށަނާޅާ ކަމަށް އެ ރަށު ކައުންސިލުން ސާބިތުކުރެވިފައި ނުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންވެ ދައުވާކުރި މީހާއަކީ ގޯއްޗެއް ލިބެން ޖެހޭ މީހެއް ކަމަށްވަނީ ކަނޑައަޅާފައެވެ. މި ހުކުމާއެކު ލިސްޓު މުރާޖާއާ ކުރުމަށް ފަހު ލިސްޓް އިއުލާންކުރުމުގެ މަސައްކަތް ހދ. ނޮޅިވަރަމް ކައުންސިލުން ވަނީ ފަށާފައެވެ.
ހދ. ނޮޅިވަރަމުން ދޫކުރަން ކަނޑައެޅި 75 ގޯއްޗަށް 283 ފަރާތަކުން ކުރިމަތިލި ކަމަށް އެ ރަށު ކައުންސިލުން މަޢުލޫމާތުދެއެވެ. އެ ފަރާތްތަކަށް ޕޮއިންޓު ދިނުމަށް ފަހު، އެންމެ ފުރަތަމަ ގުރުއަތުލާފައިވަނީ މިދިޔައަހަރުގެ މާޗު މަހުއެވެ. ހދ. ނޮޅިވަރަމުން ގޯތި ދޭން ފަށާފައިމިވަނީ، އެރަށުގައި ގޯތި ދޫކުރުން މެދުކަނޑާލާފައި އޮންނަތާ އަށް އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.