ދިރިއުޅުމުގެ އެންމެ އަސާސީ އެއް ޚިދުމަތް ކަމަށްވާ ކަރަންޓުގެ ޚިދުމަތް ރާއްޖޭގައި ފެށިގެންއައީ 1949ވަނަ އަހަރު 14 ކިލޯވޮޓްގެ އިންޖީނަކާއިއެކުއެވެ.
ވޭތުވެދިޔަ 70އަހަރުގެ ތަޖުރިބާއާއި ކާމިޔާބީއާއިއެކު، މިހާރު ރާއްޖޭގެ ކޮންމެ ރަށަކަށްވެސް 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތްދަނީ ފޯރުވައިދެމުންނެވެ.
ދިވެހި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދިނުމުގެ އިންޤިލާބީ މަސައްކަތް ފެށިގެން އައީ، މީގެ 70އަހަރު ކުރިން 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި މަސައްކަތުގެދަށުން މާލޭ އޯކިޑްމާގޭގައި 14ކިލޯވޮޓްގެ އިންޖީނެއް ބަހައްޓައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފެށިއެވެ.
ކަރަންޓުގެ ޚިދުމަތް ޒަރޫރީ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް ފުރަތަމަ ފަހަރަށް އެކަމަށް ޚާއްސަ އިންޖީނުގެއް ހަދާ ޚިދުމަތް ފެށީ 1958 ވަނަ އަހަރެވެ. މިހާރު ކިޔާގޮތުންނަމަ އެއީ ބާއިންޖީނުގެއެވެ. އޭރު މި ޚިދުމަތްފެށީ 75 ކިލޯވޮޓްގެ 2 ޖަނަރޭޓަރ ބޭނުންކޮށްގެންނެވެ. ކަރަންޓުގެ ޚިދުމަތް ފުރަތަމަ ދިނީ މާލޭގެ ފަންސާސް ކަސްޓަމަރުންނަށެވެ. މިޚިދުމަތް އޭރު ދެމުންދިޔައީވެސް ދުވާލަކު ތިން ގަޑިއިރަށެވެ.
ޑިޕަރޓްމަންޓް އޮން އިލެކްޓްރިސިޓީގެ ނަމުގައި ފެށި ޚިދުމަތް މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑަށް ބަދަލުކޮށް، 1982ވަނަ އަހަރު ކަރަންޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަން ފެށިއެވެ.
ދިވެހިރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދެމުން އައި ހަމައެކަނި މުއައްސަސާ، "ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް" ސްޓެލްކޯއަށް ބަދަލުކުރީ 1997ގައެވެ.
މި ޚިދުމަތް އެންމެ ފުރަތަމަ ފެށިގެންއައީ މާލޭގައި ނަމަވެސް، ބައެއް އަމިއްލަ ފަރާތްތަކުގެ އެހީގައި ރައްޔިތުންގެ އިންޖީނުގެތައް ހަދައި ރަށްރަށުގައިވެސް ކަރަންޓު ދޭން ފެށިއެވެ. ނަމަވެސް ގިނަ ރަށްތަކަށް ދެހާހުގެ އަހަރުތައް ފެށުނު އިރުވެސް ކަރަންޓު ދެމުން އައީ ދުވަހުގެ ވަކި ވަގުތުތަކެއްގައެވެ.
ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް 70އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު މިހާރު މިދާއިރާއިން ރާއްޖެ އަންނަނީ ބޮޑެތި ކުރިއެރުންތައް ހޯދަމުންނެވެ. އަމިއްލަ އިންޖީނުގެތައް ސަރުކާރުން ހިންގާ އިންޖީނުގެތަކަށް ބަދަލުކުރަމުން އަންނައިރު، މިހާރު ކޮންމެ ރަށަކަށް 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ލިބުމަކީ މި ދާއިރާއިން ރާއްޖެ ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
ކަރަންޓުގެ ޚިދުމަތް މާލޭ އޭރިއާއަށް ދެނީ ސްޓެލްކޯއިންނެވެ. ސްޓެލްކޯއިން ހަމައެކަނި މާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް މައި އިންޖީނުގޭގައި 75މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީވަނީ ޤާއިމުކޮށްފައެވެ.
އަދި މި ސަރަޙައްދުގެ ކަރަންޓުގެ ވިއުގަ ވަރުގަދަކުރުމަށް ހުޅުމާލޭގައި 50މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީވަނީ ޤާއިމުކޮށްފައެވެ. އެންމެ ބޮޑު މަޝްރޫޢުގެ ގޮތުގައި ސްޓެލްކޯއިން މިހާރު ކުރިއަށްގެންދަނީ ހުޅުމާލެ މާލެ އަދި ހުޅުލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތެވެ. މި މަސައްކަތް މިއަހަރު ނިންމުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢާއެކު އެއް ރަށުގެ ކަރަންޓަށް މައްސަލައެއް ދިމާވެއްޖެނަމަ، އަނެއް ރަށުގައި އުފައްދާ ކަރަންޓު މި ވިއުގަ މެދުވެރިކޮށް ނެގޭނެއެވެ.
ސްޓެލްކޯއިން މިހާރުދަނީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ހަކަތައިގެ ޕްރޮޖެކްޓް ކަމަށްވާ ތިލަފުށީ 200މެގަވޮޓްގެ ކަރަންޓު ޕްރޮޖެކްޓަށް ތައްޔާރުވަމުންނެވެ. މި ޕްރޮޖެކްޓް ވެގެންދާނީ ހަކަތައިގެ ދާއިރާއިން މުޅި ރާއްޖޭގައިވެސް ކުރިއަށްގެންދާ އެންމެ ބޮޑު ޕްރޮޖެކްޓަށެވެ.
އަތޮޅުތެރޭގެ 154ރަށަށް ކަރަންޓުގެ ޚިދުމަތްދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެކުންފުނިންދަނީ ރަށްރަށުގައި އިތުރުވަމުން އަންނަ އާބާދީއަށް، ޚިދުމަތްދެވޭވަރަށް ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރަމުންނެވެ. އަދި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.
މުޅި ރާއްޖޭގެ ކަރަންޓުގެ ކެޕޭސިޓީ ޕީކް ގަޑިތަކުގައި 250 މެގަވޮޓްއަށްވުރެ މައްޗައްއަރައެވެ.
ސަރުކާރުގެ މިހާރުގެ ޢަމާޒަކީ ރާއްޖޭގެ ހަކަތައިގެ ނިޒާމު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. އެގޮތުން ކޮންމެ ރަށެއްގަ ދުވާލުގަޑީގައި ބޭނުންކުރާ ހަކަތައިގެ މިންވަރުގެ %70 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށްވަނީ ޢަމާޒު ހިފާފައެވެ. މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ކޮންމެވެސް މިންވަރަކަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރަމުންއާދެއެވެ.
ކުރިމަގުގައި ހަކަތައިގެ ދާއިރާއިން ރާއްޖެ ތަރައްޤީވެގެން އަންނާނީ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައެވެ.