ވިޔަފާރި

ރިއަލް އެސްޓޭޓްތަކުގެ ހައުސިންގ ޔުނިޓްތައް އަތްފޯރާ އަގަށް ގެންނަންޖެހޭ


ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރިއަލް އެސްޓޭޓްތަކުން ރާއްޖޭގައި އަޅާ ހައުސިންގ ޔުނިޓްތައް އަތްފޯރާ އަގަކަށް ގެންނަންޖެހޭކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ލިވިންގ އެކްސްޕޯ ހުޅުވާދެއްވާ ވާހަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވަނީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރިއަލް އެސްޓޭޓް ކުންފުނިތަކުގެ ދައުރު ވަރަށް މުހިއްމުކަމަށް ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެންމެފަހުން ހުޅުވާލި ފަހަރު ވެސް 20،000 މީހުން ފޯމް ހުށަހެޅިކަމަށާއި މިއިން އެކަނިވެސް ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހާމަވާކަމަށެވެ.

ބޯހިޔާކަމުގެ މައްސަލައާއި ވިދިގެން ދެން އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ ލިބޭ އާމްދަނީއާއި ކުލި ނުބައްދަލުވުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މާލޭގެ އާބަދީގެ ތެރެއިން ކޮންމެ މަހަކު އާމްދަނީގެ ގޮތުގައި 15،000 ރުފިޔާ ލިބެނީ އެންމެ 17،000 އާއިލާއަށް ކަމަށެވެ. އަދި 15،000 އާއި 30،000 އާއި ދެމެދުގެ އާމްދަނީ 8000 އާއިލާއަށް ލިބޭއިރު 50،000 ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބެނީ އެންމެ 1000 އާއިލާއަށް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ރިއަލް އެސްޓޭޓް ކުންފުނިތަކާއި އެހެނިހެން ކުންފުނިތަކުން އަޅާ ހައުސިންގ ޔުނިޓްތަކުގެ އަގު އާންމުންނަށް އަތްފޯރާ ފަށެއްގައި ލިބޭނެމަގު ތަނަވަސްކޮށްދޭންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި އެކްސްޕޯގައި މި ތިބި ކުންފުނިތަކުން ސީދާގޮތުން ނަމަވެސް ނުސީދާގޮތުން ވިޔަސް މި މައްސަލަ އެބަ ހިއްސާކުރޭ. އެއީ ބިލްޑަރަކަށް ވިޔަސް، ރިއަލް އެސްޓޭޓް އޭޖެންސީއަކަސް، ފައިނޭންޝިއަލް އޭޖެންޓަކަށް ވީނަމަވެސް މިމައްސަލައިގެ ތެރެއަށް ތިޔަހުރިހާ ބޭފުޅުން އެބަވަދޭ. ތަންތަން ތަރައްޤީކޮށް ވިއްކަން މާކެޓަށް ހުށަހަޅާއިރު މާކެޓްގެ ރަނގަޅު ސަރވޭއެއް އެބަ ހަދަންޖެހޭ. ބަލަން އެބަޖެހޭ މާކެޓްގެ ކޮން ކޮންބަޔަކަށްތޯ މި ތަންތަން އެފޯޑެބަލްއީ. ބޮޑު އަގުގައި ވިއްކާނަމަ ގަންނާނެ ބަޔަކު ނުތިބޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ބޭންކުތައް މެދުވެރިކޮށް ހައުސިންގ ލޯންތަކުން ނަގާ އިންޓްރެސްޓް ރޭޓް ބޮޑުކަމަށްވެސް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ހައުސިންގ ލޯންތަކުން %11 އަށް ވުރެ އިތުރަށް ނަގާކަމަށާއި މިކަމަށް ހައްލެއް ހޯދަންޖެހޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ރާއްޖޭގެ ހައުސިންގް ލޯންތަކުގެ އިންޓްރެސްޓް ރޭޓުތައް އިންތިހާއަށް ބޮޑު. ތަރައްޤީވެފައިވާ ކުންފުނިތަކުން ވެސް ހައުސިންގ ލޯނުގެ އިންޓްރެސްޓް ރޭޓަކަށް މިނަގަނީ އެންމެ ބޮޑުވެގެން %5 އާއި %6. އަޅުގަނޑުމެންގެ ޤައުމުން އެބަނަގާ %11 އަށް ވުރެ އިތުރަށް. އަޅުގަނޑުމެން މިކަމަށް ހައްލެއް ހޯދަންޖެހޭ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ތިން ދުވަހަށް ކުރިއަށްދާ ލިވިންގ އެކްސްޕޯގެ ތެރެއިން އެކި ކުންފުނިތަކުގެ މެދުގައި ބައްދަލުވުންތައް ކުރިއަށްދާނެއެވެ. މިނިސްޓަރ ވަނީ މި އެކްސްޕޯގެ ތެރެއިން ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް އިލްތިމާސްކޮށްފައެވެ.