މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ނެޝަނަލް އެކްޝަން ޕްލޭން، ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.
މި އެކްޝަން ޕްލޭނަކީ ރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދުވެލި އަވަސްކުރުމުގެ މަޤްސަދުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު އެކުލަވާލާފައިވާ އެކްޝަން ޕްލޭނެކެވެ.
މި އެކްޝަން ޕްލޭން ހިނގާނެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 30 މާރޗް 2020 އިން ފެށިގެން 31 ޑިސެމްބަރ 2022ގެ ނިޔަލަށެވެ. މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ޤައުމީ ފެންވަރެއްގައި ރާއްޖެއިން އެޅުމަށް ކަނޑައަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، މީހުން ޓްރެފިކްކުރުމުގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރު ބެލުމަށްޓަކައި ބޭސްލައިން ސްޓަޑީއެއް ހެދުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނުގައި މީހުން ޓްރެފިކްކުރުން މާނަ ކުރާ ގޮތް އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްގެ ޑެފިނިޝަނާ އެއްގޮތްކުރުން ހިމެނެއެވެ.
މީގެ އިތުރުން ސްޓިއަރިންގ ކޮމިޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެޤާނޫނަށް އިޞްލާޙު ގެނައުމާއި، ސްޓިއަރިންގ ކޮމިޓީ ހިންގުމަށްޓަކައި ޓިޕް އޮފީހެއް ޤާއިމްކުރުމާއި، މީހުން ޓްރެފިކްކުރުމުގެ ކުށަށް ތުހުމަތުކުރެވޭ ފަރާތްތަކާއި އެކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭ ގުޅޭނެ ޚާއްޞަ ހޮޓްލައިނެއް އަލުން ޤާއިމްކުރުމަށްވެސް ވަނީ ނިންމާފައެވެ.
އަދި ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 30 ވަނަ ދުވަހު އ.ދ.އިން ފާހަގަކުރާ ވަރލްޑް ޑޭ އެގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް ޑޭ)، ސްޓިއަރިންގ ކޮމިޓީން އިސްނަގައިގެން ރާއްޖޭގައިވެސް ފާހަގަކުރަން ފެށުމަށް ނެޝަނަލް އެކްޝަން ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ.