ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ފެނާއި ނަރުދަމާ ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ދިމާނުވާނެކަމަށް، މާލޭ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ ލިމިޓެޑް އެމްޑަސްބްލިއު އެސްސީން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާ 7000ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާ ފޯރުކޮށްދިނުމުގެ މަސައްކަތް ހާލުކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ހަދަން ފަށާފައިވާ 7000 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތަކީ އެކުންފުނިން ކުރިއަށްގެންދަން ނިންމާފައިވާ ބިޔަ މަޝްރޫޢުއެއްކަމަށެވެ.
ސަރުކާރުން ހާމަކޮށްފައި ވާގޮތުގައި މިއަހަރުގެ އޮގަސްޓުމަހާ ހިސާބަށް ފްލެޓްތަކުގެ މަސައްކަތް މުޅިން ނިންމައި ފްލެޓްތަކުގެ ޙައްގުވެރިންނާ ފްލެޓު ޙަވާލުކުރާނެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޝާހު ވިދާޅުވީ މަޝްރޫޢާގުޅޭ މަސައްކަތްތައް މިހާރުވެސް އެކި މަރްޙަލާތަކުގައި ކުރިއަށްދާކަމަށެވެ. މިއީ ރާއްޖޭގައި ޢާއްމުކޮށް ހުންނަ އިމާރާތަތްކަސްވުރެ އުސް ޢިމާރާތްތަކަށްވާތީ ފެނާއި ނަރަދަމާ ގުޅުމުގެ މަސައްކަތް ކުރާގޮތަށް ބޮޑެތި ބަދަލުތައް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ހަމައެކަނި ފްލެޓުތަކުގެ ގްރައުންޑް ފްލޯގައި މީޓަރު ބެހައްޓިނަމަވެސް، މަތީ ފްލޯތަކުގައިވެސް މީޓަރު ބަހައްޓަންޖެހޭކަމަށް ޝާހު ވިދާޅުވިއެވެ. އެހެންނަމަވެސް ފްލެޓްތަކުގެ ޢިމާރާތުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާތީ، ފެނާއި ނަރުދަމާގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީން ބޭނުންވާ ސްޕީޑްގައި ކުރިއަށް ނުގެންދެވޭކަމަށް ޝާހު ވިދާޅުވިއެވެ.
"ހުޅުމާލެ ފޭސް ދެއަކަށް ފެނާއި ނަރުދަމާ ދިނުމަށް ކެޕޭސިޓީ އިޝޫއެއް ނެތް. އެކަމަކު ގޮންޖެހުންތައް އެބަހުރި. އެއީ ކޮންސްޓްރަކްޝަން ސައިޓެއް، އެއްވެސް އިމާރާތެއް އަދި ފުރިހަމައެއް ނުވެ. އަދި މިއީ ވަރަށް ގިނަ ކުންފުނިތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތަކަށްވާތީ ބޭނުންވާ ސްޕީޑްގައި ކުރިއަށް ނުގެންދެވެނީ. އެކަމަކު ފުރުސަތު ލިބޭވަރުން މަސައްކަތް ކުރިއަށްގެންދިއުމަށް ދައްޗެއްނެތް." ޝާހު ވިދާޅުވިއެވެ.
އެމްޑަބްލިއު އެސްސީންދަނީ ހުޅުމާލެއާ މާލޭގެ ފެނުގެ ނިޒާމު އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތްވެސް ހިންގަމުންނެވެ. މި މަސައްކަތުގެދަށުން މިހާރުވަނީ ބްރިޖްދަށުން އަޅާ ހޮޅިތައް އެޅުމުގެ މަސައްކަތް ނިމިފައެވެ.
"މި ނެޓްވަރކް ގުޅާލާނީ ކަލާފަން ސްކޫލްކައިރީގައި ހުރި ރިޒަރވް ޓޭންކަށް. ޓޭންކަށް ކަނެކްޝަން އެޅުމަށްވެސްވަނީ ބަޔަކާއި ހަވާލުކޮށްފައި. މި ނެޓްވަރކް ގުޅާލެވުނީމައި މާލެއިން ފެން ކަނޑައިގެން ކުރަންޖެހޭ މަސައްކަތެއް ކުރަންޖެހުނަސް އެވަގުތުގައި ހުޅުމާލެ ނެޓްވަރކްގެ ފެން މާލެއަށް ލިބޭނެ. މިހާރު މާލޭގައި އޮތް ނެޓްވަރކަކީ އެދުވަހަކު އުފައްދާ ފެން އެދުވަހަކަށް ބޭނުންކުރާގޮތަށް ހުރި ނެޓްވަރކެއް." ޝާހް ވިދާޅުވިއެވެ.
ޝާހް ވިދާޅުވީ މި ޕްރޮޖެކްޓްގެ ސަބަބުން ލޯޑް ބޮޑުވާ ގަޑިތަކުގައި ގޭގެއަށް ފެން ލިބުމަށް ދިމާވާ ދަތިތަކަށްވެސް ޙައްލު ލިބިގެންދާނެކަމަށެވެ.