ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި ވަކިބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އައު ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ޖިނާޢީ ތަޙްޤީޤެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ފަށައިފިއެވެ.
އައު ސީޕްލޭން ޓަރމިނަލް ހިންގުން ޙަވާލުކުރުމަށް ނިންމާފައިވަނީ ދައުލަތަށް ގެއްލުންވާގޮތަށް، ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ބުނާ މައްސަލައާގުޅޭގޮތުން އެންޓްިކޮރަޕްޝަން ކޮމިޝަނުން މިއަދު ހާމަކުރި ސްޓޭޓްމަންޓްގައި ވިދާޅުވެފައިވަނީ މި މައްސަލައިގެ ތަޙްޤީޤަށް މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް ގިނަކަންތައްތަކެއް
އިސްލާހުކުރުމަށް އެ ކޮމިޝަނުން އެމްއޭސީއެލްއަށް އަންގާފައިވާކަމަށެވެ.
އޭސީސީން ވިދާޅުވެފައިވަނީ މި މައްސަލައިގައި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް، ނުވަތަ ސީ ޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމާއި، ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށެވެ. އެހެންކަމުން މި މައްސަލައިގެ ޖިނާޢީ ތަޙްޤީޤް ވަކި މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން ބަލަމުންދާކަމަށެވެ.
މި ބަޔާނުގައި އޭސީސީން ވަނީ އެމް.އޭ.ސީ.އެލްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލްއިން 2017 އާއި 2018 ގައި ރިސޯޓްތަކަށް ޖާގަކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުންތަކުގައިވާ އަގުތަކަށްބަލާއިރު، ރިސޯޓްތަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވާ އެންމެބޮޑު އަގަކީ ތިންސަތޭކަ ސާދަ ޑޮލަރުކަމަށެވެ. އަދި އެންމެ ކުޑަ އަގުގައި އެމް.އޭ.ސީ.އެލްއިން ރިޒޯޓަކަށްޖާގަ ކުއްޔަށް ދޫކޮށްފައިވަނީ އަކަމީޓަރަކަށް ސަތޭކަ ހަތްދިހަ ހަތަރު ޑޮލަރުގެ ރޭޓުންކަމަށެވެ.
އެމް.އޭ.ސީ.އެލްއިން ސީ ޕްލޭން އޮޕަރޭޓަރުންނަށް ލައުންޓް ހަދަން މިހާރު ކުއްޔަށްދެން މަޝްވަރާކޮށްފައިވާ އަކަމީޓަރަކަށް ދިހަ ޑޮލަރުގެ ރޭޓަކީ، އެމް.އޭ.ސީ.އެލްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރި އެހެން އިމާރާތްތަކުން ޖާގަ ކުއްޔަށް ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ.
އޭސީސީން ވިދާޅުވީ އެމް.އޭ.ސީ.އެލްއިން އިމާރާތްކުރާ އައު ސީ ޕްލޭނާ ޓަރމިނަލް އޮޕަރޭޓްކުރުމާ ގުޅޭގޮތުން ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކާ މަޝްވަރާކޮށްފައިވީނަމަވެސް، އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު ސޮއިކޮށްފައި ނުވާކަމަށެވެ. އަދި އައު ސީ ޕްލޭން ޓަރމިނަލްއާ ގުޅިގެން އިމާރާތްކުރާ އެމް.އާރް.އޯ ފެސިލިޓީއަކީ، 12,746 އަކަމީޓަރުގެ ބޮޑުމިނުގެ ފެސިލިޓީއެއްކަމަށާއި، މިއީ ސީ ޕްލޭން ޓަރމިނަލް ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރާ ހަމައެކަނި އެމް.އާރް.އޯ ފެސިލިޓީކަމާއި، އަދި އެމް.އާރް.އޯ ފެސިލިޓީ އަކީ ފަސް މިލިއަން ހަތަރުސަތޭކަ ފަސްދޮޅަސް އެއްހާސް ނުވަސަތޭކަ ފަންސާސްދެ ޑޮލަރަށް ކޮންޓްރެކްޓްކޮށްގެން ޤާއިމްކުރާ ތަނެއްކަމަށްވަނީ ފާހަގަކޮށްފައެވެ.
އައު ސީޕްލޭން ޓަރމިނަލްއަކީ މަލްޓި އޮޕަރޭޓަރުންނަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ތަނަކަށްވުމުން އެމް.އޭ.ސީ.އެލް އިން ދުނިޔޭގެ ފެންވަރުގައި އެމް.އާރް.އޯ ފެސިލިޓީއެއް ޤާއިމުކޮށް، އަކަމީޓަރަކަށް 10.35 ޑޮލަރަށްވުރެ ބޮޑު ރޭޓުގައި ވަކިފަރާތަކަށް ދީފިނަމަ، އެމް.އޭ.ސީ.އެލްއަށް ލިބެން އޮތް ފައިދާއަށް އުނިކަމެއް އަންނާނެކަމަށް ތަޙްޤީޤަށް ފާހަގަކުރެވޭކަމަށް އޭސީސީން ވިދާޅުވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ސީޕްލޭން ޓާމިނަލް ކުއްޔައްދިނުމުގައި މައްސަލަތަކެއް އުޅޭކަން ހާމަވެ އެކަން ރައްޔިތުންގެ މަޖިލީހުންވެސް ދަނީ ބަލަމުންނެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިމާރާތް ކުރަމުންދާ އައު ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭ ކަންކަން، ރައްޖިތުންގެ މަޖިލީހުންވެސް ބަލަމުންދާއިރު، މިމައްސަލަ ސަރުކާރާއި ޓީއެމްއެއޭ އިން އެއްބަސްވާ ގޮތަކަށް އަވަހަށް ނިންމަަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.