ޚަބަރު

ބ. މާޅޮހު ގޮޑުދޮށް ގިރައި ނާޒުކު ޙާލަތަކަށް ހިނގައްޖެ


ބ.އަތޮޅު މާޅޮހު ގޮނޑުދޮށް ގިރަމުންދާތީ އެސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެރަށު ރައްޔިތުން ފަށައިފިއެވެ. މިގޮތުން ގިރާ ސަރަޙައްދުގައި ވެލިބަސްތާ ޖައްސަން މިހާރުވަނީ ފަށާފައެވެ.

ފާއިތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭގައި އެރަށުގެ އެއްގަމުގައި ހުރި ރުއްގަސް ވެއްޓޭވަރަށް ގިރާފައިވާކަމަށް މާޅޮހު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝުޖާޢު ވިދާޅުވިއެވެ. އަދި މިއީ އެރަށުގެ ގެސްޓްހައުސް ހިމެނޭ ސަރަޙައްދެއްކަމަށާއި، ގިރައިގެން ގޮސްފައިވާ ހިސާބާ ގެސްޓްހައުސްތަކާ ދެމެދު މިހާރު 15 ވަރަކަށް ފޫޓްވެސް ނެތްކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އަދި މިސަރަޙައްދަކީ އެރަށުގެ ގިނަ ފިހާރަތަކެއް ހިމެނޭ ސަރަޙައްދެއްކަންވެސް ކައުންސިލް އޮފީހުން ފާހަގަ ކުރެއެވެ.

ސުޖާޢު ވިދާޅުވީ އެ ރަށް ގިރުމުގެ މައްސަލަ ދިމާވީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ކަމަށާ، ކޮންމެ އަހަރެގެވެސް އިރުވައި މޫސުމުގައި އެރަށުގެ އުތުރު ފަރާތުން ގިރަމުންދާކަމަށެވެ. އެހެން ނަމަވެސް މިއަހަރު ކަންބޮޑުވާވަރަށް ގިރާތީ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާ ކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތިމާވެއްޓާބެހޭ ވަަޒީރު ދާދިފަހުން ވަނީ އެރަށު ގިރާ ސަރަޙައްދު ބައްލަވާ ލައްވާފައެވެ. މިނިސްޓަރވަނީ ސަރުކާރުން ވެދެއްވެން ހުރި އެހީތެރިކަމެއް މިކަމުގައި ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ރައްޔިތުން ނިކުމެ މަގުތަކުން ވެލިނަގައިގެން ގިރާ ސަރަޙައްދުގައި ވެލިބަސްތާ ޖައްސައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް މިއަދު ފަށާފައިވާއިރު، ބ.އަތޮޅު ދަރަވަންދޫ އާ ކުޑަރިކިލާ ފެހެންދޫވެސް ކަންބޮޑު ވާވަރަށް ގިރަމުން ދާކަމަށް އެރަށްރަށު ކައުންސިލްތަކުން ވަނީ ފާހަގަކޮށްފައެވެ. މިދެރަށުގައި ވެސް މީހުން ދިރިއުޅޭ ސަރަޙައްދާ ގިރާފައިވާ ސަރަޙައްދާ ދެމެދު 20 ވަރަކަށް ފޫޓުވެސް ނުހުންނާނެކަމަށް މިރަށްރަށުގެ ކައުންސިލްތަކުން މައުލޫމާތު ދެއެވެ.

ބ.މާޅޮހަކީ ލޯކަލް ޓޫއަރިޒަމް ފުޅާވަމުންދާ ރަށަކަށްވުމާއެކު ގިރަމުންދާ ސަރަހައްދަކީ ގެސްޓުންނަށް ދޫކޮށްފައިވާސަރަހައްދުކަމަށް ވާތީ އެތަން ހިމާޔަތްކުރުމުގައި ފަތުރުވެރިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.