ޚަބަރު

މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވައިފި


ވައިގަދަވެ ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ
ނުރައްކާތެރި ޙާދިސާއަކަށް ސަމާލުވެތިބުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް
ސެންޓަރުން އިލްތިމާސް ކުރައްވައިފިއެވެ.



މޫސުމާ ބެހޭ އިދާރާއިން ވަނީ ކުރިއަށްއޮތް 2 ދުވަހު
ރާއްޖޭގެ އަތޮޅުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެކަން ހާމަކުރައްވާފައެވެ. އަދި
ވިލާގަނޑުގައި ގަޑިއަކު 50މޭލު
ބާރުމިނުގައި ވައިގަދަވާނެކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.



އެހެންކަމުން ކުރިއަށް އޮތްތަނުގައި މޫސުމަށް
ރައްކާތެރިވުމުގެ ގޮތުން ރަށުފެންވަރުގައި ކުރެވެންހުރި މަސައްކަތްތައް ފާހަގަކޮށް
މިކަމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް ޑިޒާސްޓަރ
މެނޭޖްމަންޓް ސެންޓަރުން އެދިވަޑައިގަންނަވައެވެ.



އެގޮތުން ހިފާގެންގުޅޭ ސާމާނާ އިލެކްޓްރޯނިކް ފަދަ
ތަކެތި ރައްކާތެރި ތަނެއްގައި ބެހެއްޓުމާއި ކޮޅިގަނޑުގައި ގަދަވަޔާއެކު ވާރޭ
ވެހޭއިރު ރައްކާތެރި ޢިމާރާތެއްގައި ތިބުމަށާއި ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށްވެސް
އެއިދާރާއިންވަނީ އެދިވަޑައިގެންފައެވެ. މޫސުމާގުޅޭ ގޮތުން ޚަބަރުފަތުރާ
ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދެއްވާ މަޢްލޫމާތަށް ރައްޔިތުން
ސަމާލުވުމަށްވެސް އެއިދާރާއިން އިލްތިމާސް ކުރައްވާފައިވެއެވެ. މިފަދަ ކަންކަމާ ގުޅޭ
މަޢްލޫމާތު އަތޮޅު ކައުންސިލްތަކާއި ރަސުކައުންސިލްތަކުން ރައްޔިތުންނަށް
އަންގައިދީ ސަމާލުވެތިބުމަށް އެއިދާރާއިން އިލްތިމާސްކުރައްވާފައިވެއެވެ.