ރާއްޖޭގެ އެކި ރަށްރަށުގައި ލޯކަލް ފަތުރުވެރިކަން ފުޅާކުރުމަށް ތަފާތު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ދާދިފަހުން ގިނަ ބައެއްގެ ލޮލޮގައި ދ. ރިނބުދޫ އަޅައިގަތީ އެރަށުގެ ފާރުތަކުގައި ކުރެހި މަންޒަރުތަކުގެ ސަބަބުންނެވެ. ރިނބުދޫގެ ގޭގޭގެ ފާރުތަކުގައި ވަނީ އާދަޔާ ހިލާފު ހިތް ދަމައިގަންނަ އެތަކެއް މަންޒަރުތަކެއް ކުރަހާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ދ ރިނބުދޫގެ ކައުންސިލް ރައީސް ހާތިމް އިބްރާހިމް ވިދާޅުވީ، ކައުންސިލުން އިސްނަގައިގެން ރަށުގެ ފާރުތަކުގައި ކުރެހި ކުރެހުންތަކުގެ ސަބަބުން ހީވެސް ނުކުރާހާ ކުރިއެރުން ރަށައް ލިބިގެން ހިނގައްޖެކަމަށެވެ. އެގޮތުން މިހާރު ގުރޫޕް ހަދާފައި ރަށަށް އަންނަ މީހުންގެ އަދަދު އިތުރުވެއްޖެކަމަށް ހާތިމް ވިދާޅުވިއެވެ. މީގެތެރޭގައި ފަތުރުވެރިންނާއި ޗުއްޓީ ހޭދަކޮށްލަން އަންނަ ދިވެހިން ހިމެނެއެވެ. އެވްރެޖްކޮށް މިހާރު ރަށައް 20 ނޫނީ 30 އަކަށް މީހުން އަންނަކަމަށް ހާތިމް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން މިހާރު ރަށަށް ލިބޭ އިންވެސްޓްމަންޓައްވެސް އިތުރުވެގެން ދިޔަކަން ހާތިމް ފާހަގަކުރެއްވިއެވެ. އެގޮތުން ގިނަ ބަޔަކު ރަށަށް އިންވެސްޓްކުރަން ޝައުޤުވެރިކަން އަންނަނީ ފާޅުކުރަމުންނެވެ. ލޯކަލް ޓުއަރިޒަމްއަށް ރަށުން ބިން ދޫކުރަން ހުއްދަ ލިބުނުހާ އަވަހަކަށް އެކަމަށް އިއުލާންކުރާނެކަމަށް ހާތިމް ވިދާޅުވިއެވެ.
ރިނބުދޫއަކީ ތިލޭރުން ގިނަ، އަދި ރަންރިހިން ގަހަނާ ހެދުމުގެ މަސައްކަތަށް މަޝްހޫރު ރަށަކަށް ވުމާއި އެކު، ޘަޤާފީ ފަތުރުވެރިކަމާއި ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް އެއީ އެރަށަށް އޮތް ވަސީލަތެއްގެ ގޮތުގައި ކައުންސިލުން ދެކެއެވެ. ރިނބުދޫގެ ފާރުތަކުގައި ކުރެހި ކުރެހުންތަކުގެ ސަބަބުން ލޯކަލް އުފެއްދުންތަކަށްވެސް ޑިމާންޑް ބޮޑުވެ މި މަސައްކަތް ކުރުމަށް ރައްޔިތުންނަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެކަން ހާތިމް ފާހަގަކުރެއްވިއެވެ. ރަންރިހީގެ އިތުރުން ސްވެނިއަރގެ ވިޔަފާރިއަށްވެސް މިހާރު މިރަށުގައި ވަނީ ޑިމާންޑް ބޮޑުވެފައެވެ.
ކައުންސިލްގެ ރައީސް ހާތިމް ވިދާޅުވީ، ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެ، އެއްބައިވަންތަކަމުގެ ރޫހެއް މިކަމުގެ ސަބަބުން އާލާވެގެން ދިޔަކަމަށެވެ.
ރިނބުދޫގެ ވޯލް މިއުރަލްތަކުގެ އިތުރުން އެމަގު ތަރައްޤީ ކުރާނީ، ކަލްޗަރަލް ހައިވޭއެއްގެ ގޮތުގައެވެ. މިގޮތުން ރަށުގެ ގެސްޓް ހައުސްތަކުގައި ތިބޭ ފަތުރުވެރިންނަށާއި، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށް، ރިނބުދޫގެ ތާރީޚާއި އާދަކާދަ އާއި ސަޤާފަތާއި، ކެއިން ބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ފެނިގެންދާނޭ ގޮތަށް ސްޓޯލްތައް އެމަގުގައި ހަދާނެކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
ސުނާމީ ކާރިސާއަށް ފަހު ދ ރިނބުދޫގެ އެތައް ރައްޔިތުންނެއް ރަށް ދޫކޮށް ހިޖުރަ ކުރުމާއިއެކު އޭރު ބެލެވުނީ ރިނބުދޫއަކީ އެއްވެސް ކުރިމަގެއްނެތް ރަށެއްގެ ގޮތުގައެވެ. ނަމަވެސް ރަށުގެ ކައުންސިލްގެ ބުރަ މަސައްކަތާއިއެކު އެރަށަށް މިހާރު މިވަނީ އަލުން ދިރުން ގެނެސްދީފައެވެ.
ވިޔަފާރީގެ ގޮތުންނާއި އިޤްތިސާދީގޮތުން ރިނބުދޫ މިވަނީ ކުރިއަށް ޖެހިލާފައެވެ. މަސައްކަތް ކޮށްފިނަމަ ރާއްޖޭގެ ކޮންމެ ރަށަކީވެސް މިފަދަ ރަށަކަށް ހެދިދާނެ ރަށެއްކަން ރިނބުދޫ މިވަނީ ސާބިތުކޮށްދީފައެވެ.