މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ލައިވްކޮށް ދުރަށް ފޮނުވާގޮތަށް އެ ކައުންސިލުން ހަމަޖައްސައިފިއެވެ.
ލައިވްކޮށްގެން ބާއްވާ ފުރަތަމަ ޖަލްސާ އޮންނާނީ މާދަމާ މެންދުރުފަހު 2.00ގައި މާލެ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައެވެ.
ސިޓީ ކައުންސިލުން ބުނެފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ވަގުތުން މީޑިއާ މެދުވެރިކޮށް ގެނެސްދޭ ގޮތަށް ނިންމީ ސިޓީ ކައުންސިލްގެ މަސައްކަތްތައް އާއްމުންނާއި ގާތުން އާއްމުންނަށް އެނގޭނެހެން ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އަދި ކައުންސިލުން މަޝްވަރާކުރާ ކަންކަމުގެ މަޢުލޫމާތު އާއްމުންނާއި ހަމައަށް ފޯރުކޮށްދިނުންވެސް ޖަލްސާތައް ލައިވްކޮށް ފޮނުވުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށެވެ.
މި ޖަލްސާ އަޑުއެހުމަށް ޖާގަ އޮތް މިންވަރަކުން އާއްމުންނަށް ވަދެވޭގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. ޖަލްސާ އަޑުއަހަން ބޭނުންވާ އާއްމުން ޖަލްސާގެ 15 މިނެޓް ކުރިން ޖަލްސާއަށް ވަންނަން ޖެހެއެވެ. މިއީ ސިޓީ ކައުންސިލްގެ ޖަލްސާއެއް އާއްމުންނަށް ހުޅުވާލައިގެން އަދި ލައިވްކޮށް ދުރަށް ފޮނުވާގޮތަށް ބާއްވާ ފުރަތަމަ ފަހަރެވެ.
ސިޓީ ކައުންސިލްގެ މައި އޮފީހުގެ ގޮތުގައި މިހާރު ބޭނުން ކުރަނީ ފެން ބިލްޑިންގ އިމާރާތުގައި އަލަށް ހަދާފައިވާ އޮފީހެވެ. އަދި އެ އިދާރާގެ މާފަންނު އޮފީސް މިހާރު ބޭނުންކުރަމުންމުން އަންނަނީ ޕްރޮޖެކްޓް އޮފީހުގެ ގޮތުގައެވެ. އަދި ކައުންސިލްގެ އާއްމު ބައްދަލުވުންތައްވެސް ބާއްވާނީ އެ އޮފީހުގައެވެ.
އެ އޮފީހުން އެންމެ ފުރަތަމަ ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫޢުއެވެ. ސިޓީ ކައުންސިލުން މިހާރުވަނީ މާލޭ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢު އިޢުލާންކޮށް އެ މަޝްރޫޢުގެ މަސައްކަތްތައް ފަށާފައެވެ.