ޚަބަރު

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް


އަންނަ އޭޕްރީމް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ. މިއަދު މެންދުރު 14:30 ގައި ވޯޓުލުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފަށާފައިވާއިރު، ވޯޓުލުން މިރޭ 19:30 ހާއި ހަމައަށް ކުރިއަށްދާނެކަމަށް އެމްޑީޕީން ބުނެއެވެ.

ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބުކުރަންޖެހެއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް 1246 ފަރާތަކުން ފޯމްހުށައެޅިކަމަށް އެޕާޓިން ބުނެއެވެ. އަދި ޕްރައިމަރީއަކާއި ނުލާ 389 ފަރާތަކަށް ޓިކެޓް ކަށަވަރުވެފައިވާކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ. އެމްޑީޕީގެ މި ޕްރައިމަރީގައި 90،000 ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤުލިބިގެންވާކަމަށާއި، %70 ވުރެ ގިނަ މީހުން ވޯޓްލާނެކަމަށް އެޕާޓިން ވަނީ ލަފާކޮށްފައެވެ.

މި ޕްރައިމަރީގައި ވޯޓްލުމަށް ރާއްޖޭގެ އެކި ސަރަޙާއްދުތަކުގައި 169 ވޯޓް ފޮށިބަހައްޓާފައިވެއެވެ. މާލޭގައި ވޯޓުލުމަށްޓަކައި، ވޯޓް ފޮށި ބަހައްޓާފައިވަނީ ދަރުބާރުގެއާއި، ކަލާފާނު ސްކޫލާއި، މަޖީދިއްޔާ ސްކޫލާއި، އިމާދުއްދީން ސްކޫލާއި، އިސްކަންދަރު ސްކޫލާއި، އެމްޑީޕީގެ ހަރުގޭގައެވެ. އަދި ވިލިމާލޭގައި މުޙިއްޔިއްދީން ސްކޫލްގައާއި، ހުޅުމާލޭ ރެހެންދި ސްކޫލްގައިވެސް ވޯޓްފޮށި ބަހައްޓާފައިވެއެވެ. އަދި އަތޮޅުތެރޭގެ 93 ރަށެއްގައި ވޯޓް ފޮށި ވަނީ ބަހައްޓާފައިވެއެވެ.

އެމްޑީޕީގެ ޕްރައިމަރީއާއި ގުޅިގެން އެޕާޓިގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވަނީ މި ޕްރައިމަރީއަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތްކަމަށް ސިފަކުރައްވާ، އެޕާޓީގެ މެންބަރުން ޑިމޮކްރަސީގެ ރީތި އުސޫލް ދެއްކުމަށް ގޮވާލައްވާފައެއެވެ.

ލޯކަލް ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އެކުލަވާލުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.