ތިމާވެށި

މަޝްރޫޢުތައް ޑިޒައިންކުރުމުގެ ކުރިން އީ.އައި.އޭ ރިޕޯޓް ހެދުމަށް އިސްކަންދޭންޖެހޭ - އީ.ޕީ.އޭ


ތަރައްޤީގެ މަޝްރޫޢުތައް ޑިޒައިންކުރުމަށްފަހު އީ.އައި.އޭ ރިޕޯޓް ހެދުމުގެ ބަދަލުގައި، ޑިޒައިން ކުރުމުގެ ކުރިން އީ.އައި.އޭ ރިޕޯޓް ހެދުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީ.އޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ގޮވާލައްވައިފިއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަޢީމް ވިދާޅުވީ، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރު ހަދަންޖެހޭ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމަށް ގިނަ ފަހަރަށް އެޖެންސީއަށް ހުށަހަޅަނީ މަޝްރޫޢުތައް ޑިޒައިންކުރުމަށްފަހުކަމަށާއި، އެ ސަޤާފަތް ދޫކޮށްލަންޖެހޭކަމަށެވެ. ނައީމް ވިދާޅުވީ އެގޮތަށް ކަންކުރުމުން މަޝްރޫޢުތަކުގެ ޑިޒައިންތަކަށް ބަދަލުގެންނަންޖެހި މަޝްރޫޢު ކުރިއަށްގެންދިއުމުގައި އެކި ކަހަލަ މައްސަލަތައް ދިމާވާކަމަށެވެ. އަދި މީގެ ސަބަބުން މަޝްރޫޢުތައް މަޑުޖެހި ހުއްޓޭގޮތްވެސް ބައެއް ފަހަރު ދިމާވާކަމަށް ނަޢީމް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ މައްސަލަތައް ހައްލުކޮށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި މަޝްރޫޢުތައް ޑިޒައިންކުރުމާއި ކުރެހުމުގެ މަސައްކަތްތައް ފެށުމުގެ ކުރިން، އީ.އައި.އޭ ރިޕޯޓު ހެދުމުގެ މުހިންމުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ކޮންމެ ފަހަރަކުވެސް މި އަންނަނީ ރަށެއްގެ މަސައްކަތެއް ކުރަން ބަނދަރެއްވިޔަސް، ބިން ހިއްކުންވިޔަސް އެ އޮންނާނެގޮތް ކުރަހާ ހުރިޙާކަމެއް ނިންމާފައި ދެން އީ.އައި.އޭއާއި ހަމައަށް މިދަނީ. އޭގެ ބަދަލުގައި ކުރެހުމުގެ ކުރިންވެސް މަޝްވަރާކުރެވި، ތަންކޮޅެއް ސްޓްރެޓެޖިކް ގޮތަކަށް ވިސްނުން ބަހައްޓައިގެން އެކަންކަން ރޭވިގެން އަންނަނަމަ އެންމެފަހުން އަންނަ ކުރެހުންވެސް އިންނާނީ ތިމާވެއްޓާ ރައްޓެހިގޮތަކަށް. ދެން އަދި އެ މަސައްކަތް ކުރާއިރުގައި ނަގަންޖެހޭ ފިޔަވަޅުތައް ނަގަންވެސް ފަސޭހަވެގެންދާނެ" ނައީމް ވިދާޅުވިއެވެ.

ނަޢީމް ވިދާޅުވީ، މަޝްރޫޢުތައް ޑިޒައިންކުރުމަށްފަހު އެންމެފަހުކަމަކަށް އީ.އައި.އޭ ރިޕޯޓު ހަދަން އައުމުން، އެ އެޖެންސީގެ މަސައްކަތްތަކަށްވެސް އުނދަގޫތަކެއް ކުރިމަތިވާކަމަށެވެ. އަދި އޭގެ ސަބަބުން އީ.ޕީ.އޭގެ ހުށަހެޅުންތަކާ އެއްގޮތަށް މަޝްރޫޢު ކުރިއަށްގެންދިއުމުގައި ބަޖެޓުގެ ދަތިކަން ކުރިމަތިވެ، އެއް މަސައްކަތެއް ދެ ފަހަރު ކުރަންޖެހުންފަދަ ކަންކަން މެދުވެރިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ގޮތް ބަދަލުކޮށް، މަޝްރޫޢުތަކަކީ ތިމާވެއްޓަށް އޭގެ ސަބަބުން ލިބޭ ގެއްލުން ވީހާވެސް ކުޑަވާނެހެން ބައްޓަންކުރެވޭ މަޝްރޫޢުތަކަކަށް ހެދުމަށް ނަޢީމް ވަނީ ގޮވާލައްވާފައެވެ.