ކުނި މެނޭޖްކުރުމުގެ މަސައްކަތް ފެށުމަށް ކުޅުދުއްފުށީ ކައުންސިލުން 3 މިލިޔަން ރުފިޔާގެ ބަޖެޓެއް އެކުލަވާލައި މިކަން ފަށަން ތައްޔާރު ވެއްޖެ.
ކުނީގެ މައްސަލައަކީ ރާއްޖޭގެ އެންމެ ގިނަ ރައްރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. އެގޮތުން ކުޅުދުއްފުއްޓަކީވެސް މިމައްސަލަ ވަރަށްބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. ކުނީގެ މައްސަލައަކީ ހައްލުކުރަން އުނދަގޫ ބޮޑު މައްސަލައަކަށް ވެފައި ވީނަމަވެސް ކުޅުދުއްފުށީ ކައުންސިލުން މިވަނީ މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ފެށުމަށް ނިންމާފައެވެ.
އެގޮތުން ކައުންސިލްތަކަށް ދިން ބޮޑު ބަޖެޓާއެކު މިއަހަރު ކުޅުދުއްފުށީ ކައުންސިލުން މިވަނީ ކުނި މެނޭޖްކުރުމުގެ މަސައްކަތް ފަށަން ނިންމާ އެކަމަށް 3 މިލިއަށް ރުފިޔާގެ ބަޖެޓެއް ކައުންސިލްގެ މަސައްކަތު ތާވަލް އެކުލަވާލައި ހާއްޞަކޮށްފައެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ މިމަސައްކަތް ކުރުމަށް ރާވާފައިވަނީ ތިން އަހަރަށް ބަހާލައިގެންކަމަށެވެ. އަދި އެންމެ ފުރަތަމަ ކުރާނެކަމަކީ ކުނި މެނޭޖްކުރުމުގެ މަސައްކަތް ފަށުމަށް އެކަމަށް ބޭނުންވާ އެސެސްމެންޓް ހެދުމާއި ވޭސްޓް މެނޭޖްމެންޓް ޕްލޭން އެކުލަވާލުން ކަމަށެވެ. އަދި ޖަމާވެފައިވާ އެތަކެއް ޓަނެއްގެ ކުނި ސާފުކުރުމާއި ކުނިކޮށި ޑިޒައިންކޮށް އިމާރާތްކުރުމާއި މުވައްޒަފުން ނެގުމާއި މުވައްޒަފުންނަށް ބޭނުންވާނެ ތަމްރީނު ހޯދުންވެސް ހިމެނެ އެވެ. ކުނި މެނޭޖްކުރުމަށް ބޭނުންވާ މެޝިނަރީސް އާއި ވެހިކަލްވެސް ހޯދުމަށް ކައުންސިލުން ނިންމާފައިވެ އެވެ.
ކުޅުދުއްފުއްޓަކީ ދުވާލެއްގެ މައްޗަށް 9 ނުވަތަ 10 ޓަނުގެ ކުނި އުކާލާ ރަށެއްކަމަށް ކައުންސިލުން ބުނެއެވެ. ކުޅުދުއްފުށީގައި މިހާރު ކުނި ނައްތާލަމުންދަނީ އަނދައިގެންނެވެ. އެކަމުގެ ސަބަބުން މުޅި ސަރަހައްދަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެ އެވެ.
3 އަހަރު ދުވަހަށް ބަހާލައިގެން ކުރުމަށް ހަމަޖެހިފަވއިވާ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކާމިޔާބުވުމުން އެކަމަށް އެދެވޭ ހައްލެއް ލިބިގެންދާނެކަމަށް ކައުންސިލުންދެކެއެވެ.