ވިޔަފާރި

ދައުލަތަށް ލިބުނު އާމްދަނީ 6 ބިލިއަން ރުފިޔާއަށް


މި އަހަރުގެ ފުރަތަމަ 6
މަސް ދުވަހު ދައުލަތަށް ލިބުނު އާމްދަނީ 6 ބިލިއަން ރުފިޔާއަށް ވުރެ މަތި ކަމަށް
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ އިން ހާމަކޮށްފިއެވެ. 



ދައުލަތުގެ ޓެކްސް
އިދާރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖޫން މަހުގެ
ނިޔަލަށް މީރާއިން ވަނީ 6.48 ބިލިއަން ރުފިޔާ ބަލައިގެންފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު %20.7  ކުރިއެރުމެއް ކަމަށް މީރާއިން މައުލޫމާތުދެއެވެ. މިދިޔަ
އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 5.68 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ
ފުރަތަމަ ހަމަސް ދުވަހު ވިޔަފާރި ފައިދާގެ ގޮތުގައި މީރާއަށްވަނީ 1.48 ބިލިއަން
ރުފިޔާލިބިފައެވެ.  މީރާއިން ބުނި
ގޮތުގައި މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ދައުލަތަށް
ލިބުނު އާމްދަނީ އިތުރުވެފައިވަނީ ޖީއެސްޓީ އާއި ބީޕީޓީގެ އިތުރުން ރިސޯޓްތަކުގެ
ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީ އިން ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

މިދިޔަ
އަހަރުގެ ނޮވެމްބަރުން ފެށިގެން ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑުކޮށްފައިވާއިރު،
ޖީއެސްޓީން ލިބުނު އާމްދަނީ %39.7 އިތުރެވެ. އަދި ބީޕީޓީގެ ގޮތުގައި ލިބުނު
ފައިސާ %9.7  އިތުރުވެފައިވާ ކަމަށް މީރާގެ ތަފާސް ހިސާބްތަކުން ދައްކައެވެ. ރިސޯޓްތަކުގެ ކުލީގެ މުއްދަތަށް ނަގާ ފީ އިތުރު ކުރުމުން ލިބުނު އާމްދަނީ 109.3 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ.