ޚަބަރު

ފުލުހުންގެ ތަހުޤީޤުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެންނަނީ


ޖިނާޢީ މައްސަލަތަކުގެ ތަޙުޤީޤުގެ މަސައްކަތްތަކަށް ބަދަލުތައް ގެނެސް، ހަލުވި ކަމާއެކު މައްސަލަތަކުގެ ތަޙުޤީޤު ނިންމައި އިތުބާރާ ޔަޤީންކަން ދެމެހެއްޓިގެންދާ ފަދަގޮތަކަށް ތަޙުޤީޤުތައް ބައްޓަން ކުރުމަށް ކުރެވިދާނެ ކަންތައްތަކާއިބެހޭގޮތުން ފުލުހުން މަޝްވަރާކުރަން ފަށައިފިއެވެ. މިހާރު ފެށިގެން ކުރިޔަށްދާ ފުލުހުންގެ ސްޓްރެޓިޖިކް ފޯރަމް 2015 ގެ 2 ވަނަ ފިޔަވަހީގެ ފުރަތަމަ ބައިގެ މަސައްކަތްތައް އިއްޔެ ފަށާފައިވާއިރު، މިމަސައްކަތްތައް އަމާޒުކޮށްފައިވަނީ ފުލުހުންގެ ތަޙުޤީޤު ތަކާ ގުޅޭ އެންމެހައި ކަންކަމުގެ މައްޗަށަށްކަމަށް ފުލުހުން މައުލޫމާތުދެއެވެ. ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ އެކިއެކި ޑިޕާޓްމަންޓުތަކުން ތައްޔާރުކުރާ ކަރުދާސްތަކުގެ މައްޗަށް ކުރިޔަށް ގެންދާ މަޝްވަރާތަކުގައި މާލެ އާއި އަތޮޅުތަކުގައި ތަޙުޤީޤުގެ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވެ ފުޅާ ދާއިރާ އެއްގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގައި މަޝްވަރާ ކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ތަޙުޤީޤު ކުރުމުގައި މިހާރު ދިމާވާ ޢާއްމު މައްސަލަތަކާ، ތަޙުޤީޤު ކުރާ އިންވެސްޓިގޭޝަން އޮފިސަރުންގެ މަސައްކަތް ބެލޭނެ ހަރުދަނާ ނިޒާމެއް ޤާއިމް ކުރުމުގެ އިތުރުން ފުލުހުންނަށް ހުށަހެޅޭ ޢާއްމު މައްސަލަތައް ބެލުމުގައި ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ހިމެނެއެވެ.މީގެ އިތުރުން ތަޙުޤީޤުގެ މަސައްކަތްތަކުގައި ދިމާވާ އުނދަގޫތަކާ، ކުށުގެ ވެއްޓަށް ދިއުމުގައި ހޭދަވާ ވަގުތާއި، ތައްޔާރީތަކާއި، ތަޙުޤީޤު ބަޔާން ނެގުމުގައި ކުރިމަތިވާ ތަފާތު ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ. އަދި މިހާރުގެ ޙާލަތަށްވުރެ ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންތައްކުގެ އިތުރުން ހެކިބަސް ހޯދުމާއި ހެކިބަސް ރައްކާތެރި ކުރުމުގައި ހުރި ދަތިތަކާ އެކަންކަން ޙައްލު ކުރުމަށް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުންވެސް ފޯރަމްގެ ބައިވެރިން މަޝްވަރާ ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.ފުލުހުންގެ ތަޙުޤީޤުގެ މަސައްކަތަށް ގެނެވޭނެ ބަދަލުތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭ މިފޯރަމްގައި މަޝްވަރާ ކުރެވުމުންދާ ކަންތައްތަކުގެ ތެރޭގައި އެކިއެކި މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންގެ މުއްދަތު ޖެހުމުގައި ދިމާވާ މައްސަލަތަކާ އެކަމަށް ގެނެވިދާނެ ކަމަށް ފެންނަ ހަރުދަނާ ޙައްލުތަކާއި، އެއް މައްސަލައެއްގައި ގެނެވޭ މީހުންނާ ގުޅުންހުރި ތަފާތު ކުށުގެ މައްސަލަތަކުގެ ތަޙުޤީޤު ގެންދާނެ ގޮތްތަކާއި، އެފަދަ ކަންކަމުގައި ޢަމަލު ކުރާ އުޞޫލުތަކާ ޕްރޮސެކިއުޓް ކުރުމުގައި ކުރިމަތިވާ އެކިއެކި ކަންކަމަށް ހޯދޭނެ ޙައްލުތައް ފަދަ މުހިއްމު ކަންކަން ހިމެނެއެވެ. މި ފޯރަމްގެ މަޝްވަރާތައް މާލޭގެ އިތުރުން ފުލުހުންގެ އެހެނިހެން ޑިވިޜަންތަކުގައިވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.