ޚަބަރު

ޅެންވެރިކަމުގެ އަލި މުޅި ރާއްޖެއަށް!


މުޅި އަހަރަށް ބަހާލައިގެން ޅެންވެރިކަމުގެ ދާއިރާއިން 3000 މީހުން ތަމްރީންކުރުމަށް ރާވާފައިވާ ކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ. އަޝްރަފް ވިދާޅުވީ ދިވެހިންގެ އަދަބިއްޔާތާއި ގުޅިފައިވާ ޅެންވެރިކަން ކުރިއަރުވަން އެކެޑަމީން މިއަހަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.

ދިވެހި އާދަކާދައާއި އަދަބިއްޔާތު ދިރުވާ އާލާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ބަހުގެ އެކެޑަމީން މިހާރުވަނީ 3000 ޅެންވެރިން އުފެއްދުމުގެ ޕްރޮގްރާމެއް ފަށާފައެވެ.

"ޅެންވެރިކަމުގެ އަލި މުޅި ރާއްޖެއަށް" ނަމުގައި ފެށި ޕްރޮގްރާމަކީ ސްކޫލްދަރިވަރުންނާއި އާއްމުންނަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ އަދަބިއްޔާތު ކުރިއެރުވުމަށް އެކެޑަމީން ފަށާފައިވާ މަސައްކަތަކީ ރާއްޖޭގެ ހުރިހާ އަތޮޅުތައް ހިމެނޭހެން ފަށާފައިވާ މަސައްކަތެއްކަމަށެވެ. މީގެތެރޭގައި މަތީފަންތީގެ ޕްރޮގްރާމަކާއި، އަސާސީ ފެންވަރަށް ޅެންވެރިކަން ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމްތައް ހިމެނެއެވެ.

މި ޕްރޮގްރާމްތަކުގައި ވަޒަނަށް ޅެން ހަދަން ދަސްކޮށްދިނުމާއި، ލަފްޒު ގަތާނެގޮތްތައް ދަސްކޮށްދެއެވެ.

"ޅެން ހަދަން ދަސްކޮށްދެން އެބަ ރާއްޖޭގެ 11 ސެންޓަރެއްގައި. މިހާރުވެސް މި ސެންޓަރުތަކުން ޖުމްލަ 504 ދަރިވަރުން ތަމްރީންވަމުންދަނީ. ބޮޑެތި މީހުންގެ ތަމްރީން ކްލާސްތައްވެސް އެބަ ކުރިއަށްދޭ. މާލޭގައި 7 ސެންޓަރު އެބަހުރި." އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ މި ޕްރޮގްރާމްގައި ސްކޫލް ކުދިން ޝާމިލްކުރުމަށް ނިންމީ ބޮޑުވަމުން އަންނައިރު ކުދިންގެ ހިތުގައި ބަހަށް އޮންނަ ލޯތްބާއި ޝަޢުޤާއި އުފެއްދުންތެރިކަން އިތުރުކުރުމަށްކަމަށެވެ.

"ފެބްރުއަރީގެ ނިޔަލަށް 1000 މީހުން ތަމްރީންކުރާނަން. މިއަހަރު 3000 މީހުންނަށް ޕްރޮގްރާމް ހިންގުން އަމާޒަކީ." އަޝްރަފް ވިދާޅުވިއެވެ.

ޅެންހެދުމުގެ ޕްރޮގްރާމްތަކުގައި ތަމްރީންދިނުމުގައި މަސައްކަތްކުރަނީ ޅެންހެދުމާއި، ޅެންވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާ އެކަމުގެ ތަމްރީން ލިބިފައިވާ ފަރާތްތަކުންނެވެ.

ދިވެހި ބަހުގެ އެކެޑަމީން އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ޅެންވެރިކަމަށް މީހުން ތަމްރީންކުރަމުންނެވެ. އެގޮތުން މިހާތަނަށް 2000 އާއި 3000 އާއި ދެމެދުގެ އަދަދަކަށް މީހުން ތަމްރީންކޮށްފައިވާ ކަމަށް އެކެޑަމީން ބުނެއެވެ. އަދި މިހާރުވެސް މި ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

އަޝްރަފް ވިދާޅުވީ މިޕްރޮގްރާމާ ގުޅުވައިގެން ތުއްތު ކުދިންނަށް ބަނދި ހަދަން ދަސްކޮށްދޭ ޕްރޮގްރާމެއްވެސް ފަށަން ތައްޔާރުވަމުން އަންނަކަމަށެވެ.