ސިއްހަތު

ހެލްތް މިނިސްޓްރީގެ ބޭނުމަށް 15 އެމްބިއުލާންސް ހޯދަނީ


ހެލްތް މިނިސްޓްރީގެ ބޭނުމަށް 15 އެމްބިއުލާންސް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ހެލްތް މިނިސްޓްރީގެ ބޭނުމަށް ހޯދުމަށް އިޢުލާންކޮށްފައި ވަނީ 15 ބޭސިކް ލައިފް ސަޕޯޓް އެމްބިއުލާންސްތަކެކެވެ. މިއީ ބަލި މީހާ އެއްތަނުން އަނެއްތަނަށް އުފުލުމަށާއި، އަވަސް ފަރުވާ ދިނުމަށް ބޭނުންވާ އެންމެ އަސާސީ ވަޞީލަތްތަކާއެކު ފަރުމާކޮށްފައިވާ ހުންނަންޖެހޭ އެމްބިއުލާންސްތަކެކެވެ.

15 އެމްބިއުލާންސްއެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވާއިރު، ކުއްލި ޙާލަތްތަކުގައި ދެވޭ އެމްބިއުލާންސް ޚިދުމަތް ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން މިހާރު ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދެވިފައިވާކަމަށް ހެލްތް މިނިސްޓްރީން ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން ލިބިފައިވާ ޕެރަމެޑިކް 21 އެމްބިއުލާންސަކާއި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހޯދާފައިވާ 5 އެމްބިއުލާންސްއެއް ވަނީ ރަށްރަށަށް ފޮނުވާފައެވެ.

އަތޮޅުތަކުގެ ސިއްޙީ ނިޒާމުގެތެރެއިން މިވަގުތަށް އެންމެ އިސްކަމެއްދޭންޖެހޭ އެމަރޖެންސީ ކެއަރ އަދި އެމްބިއުލޭޓްރީ ޚިދުމަތް ރައްޔިތުންނާ ގާތުން ދެވޭނެ އިންތިޒާމު ހަމަޖައްސައި ހުރިހާ ރަށަކަށް އެމްބިއުލާންސް ފޮނުވުމަކީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރަށްރަށަށް އެމްބިއުލާންސްތައް ހަމަކޮށް ނިމިފައި ވާއިރު ސެންޓްރަލައިޒްޑް އެމްބިއުލޭޓަރީ ސަރވިސް ކޯލް ސެންޓަރެއް ޤާއިމް ކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.