ޚަބަރު

"ސޮލިޑް ވޭސްޓް" ނައްތާލުމަށް ޙައްލު ހޯދުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި


ގޭގެއިން އާއްމުކޮށް އުކާލާ ކުނީގެ ބާވަތައް ނޫން ކުނީގެ ބާވަތްތަކާއިމެދު އަމާލުކުރާނެ ހަރުދާނާ އުސޫލެއް ކަނޑައެޅުމަށް، ކަމާއި ގުޅުންހުރި މީހުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއީ ވޯލްޑް ބޭންކްގެ އެހީއާއިއެކު އެންވަޔަރަންމަންޓް މިނިސްޓްރީއިން ކުރިއަށްގެންދާ ކުނި މެނޭޖްކުކުރުމުގެ މަސައްކަތެކެވެ.

"މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރާ ދިވެހި ގިނަ ޖަމިއްޔާތަކަކުންވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި ކުނި މެނޭޖުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކާއި، އަދި ކުނީގެ ޙާލަތާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އަދި އާއްމުކޮށް ގޭގެއިން އުކާލާ ކުނީގެ ބާވަތް ނޫން ނުވަތަ "ސޮލިޑް ވޭސްޓް"ގެ ބާވަތްތައް ނައްތާލުމަށް ޙައްލު ހޯދުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަންއެވެ.

މިނިސްޓަރ ވިދާޅުވީ މީގެކުރިންވެސް ކުނި މެނޭޖުކުރުމުގެ ސިޔާސަތުތައް ހަދާފައި ހުރިނަމަވެސް، އެއަށް އެކަށީގެންވާ ގޮތެއްގައި ޢަމަލުކުރަމުން އައިސްފައި ނެތްކަމަށެވެ. އެހެންކަމުން މި ބައްދަލުވުމުގައި މަޝްވަރާކުރާ ކަންކަމަކީ ރާއްޖޭގައި ތަންފީޒު ކުރެވޭނެ ކަންކަމަށް ހެދުމަށް މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖެއަކީ ވަރަށް ނާޒުކު ޤައުމެއް. ކުނި ރައްކާތެރިގޮތުގައި ނައްތާލުމަކީ ކުރަން ޖެހިފައިވާ މުހިންމު މަސައްކަތެއް. ސްޓޭކްހޯލްޑަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، ކުނި މެނޭޖުކުރުމުގައި ޢަމަލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އާއްމުންގެ ޚިޔާލުވެސް ހޯދާނަން." މިނިސްޓަރ ވިދާޅުވިއެވެ.


""މޯލްޑީވްސް ކްލީން އެންވާރަމެންޓް" ޕްރޮޖެކްޓް"އަކީ 2017ވަނަ އަހަރު ފެށި މަސައްކަތެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ސޮލިޑް ވޭސްޓް ނައްތާލުމުގެ ސިޔާސަތުތައް ހަރުދަނާކުރުމާއި، ރީޖަނަލް އަދި އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސިސްޓަމް ހެދުމާއި، އަދި ޕްރޮޖެކްޓް ހިންގާ ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދާނެއެވެ.

މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ކުނި މެނޭޖް ކުރުމަށް ރާއްޖެ އަތޮޅުތައް ބަހާލާފައިވާ ޒޯން 2، 4، އަދި 5ގައެވެ. ޒޯން 2ގައި ހިމެނެނީ ނ، ރ، ބ، ޅ އަތޮޅެވެ. ޒޯން 4ގައި ހިމެނެނީ މ، ފ، ދ އަތޮޅެވެ. އަދި ޒޯޏް 5ގައި ހިމެނެނީ ތ އަދި ލ އަތޮޅެވެ. ކުނި މެނޭޖުކުރުމުގެ މި މަޝްރޫޢުގެ މަސައްކަތް މުޅިން ނިންމާލުމަށް ހަމަޖެހިފައިވަނީ 2023ވަނަ އަހަރުގެ ނިޔަލަށެވެ.