ޚަބަރު

ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ އަލުން ފަށައިފި


ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ ނޮވެމްބަރުމަހު މެދުކެނޑާލުމަށްފަހު، މާލެއާއި އަތޮޅުތަކުގައި އަލުން ފަށައިފިއެވެ.

ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭއަކީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށްގެންދާ ސަރވޭއެކެވެ.

ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވީ، މާލޭގައި ހޮވާލެވިފައިވާ ސަރަހައްދުތަކުގައި ތަންތަނުގެ ލިސްޓް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މީގެތެރެއިން ގުރުއަތުން ހޮވާލެވޭ ގޭބިސީތަކެއްގައި މި ސަރވޭގެ އިތުރު ސުވާލު ކަރުދާސްތައް ފުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށް ގެންދާނެކަމަށާއި، އަތޮޅުތަކުގައިވެސް މިސަރވޭގެ މަސައްކަތް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެކަމަށްވެސް އެ ބިއުރޯއިން ވަނީ ވިދާޅުވެފައެވެ.

މިއަހަރު ސަރވޭގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، ޖަނަވަރީ، ފެބްރުއަރީ، މާރިޗު އަދި އޭޕްރިލް މަހުގައެވެ. އަދި މި މުއްދަތުގެ ތެރޭގައި ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ތަމްރީންކޮށްފައިވާ ޓީމުތައް ގޭބިސީތަކަށް ކުރިން ޒިޔާރަތްކުރާނެއެވެ. މި މައުލޫމާތު އެއްކުރަން ގޭބިސީތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކަމާބެހޭ ލިޔެކިޔުންތަކާއި ކާކުކަން އަންގައިދޭ އައި.ޑީ ކާޑެއް ދީފައިވާނެކަމަށާއި، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދު 8:30 އިން ހަވީރު 6:00 އާއި ދެމެދު ބިއުރޯގެ ޓީމްތައް ސަރވޭގެ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެކަމަށް ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވެއެވެ.

ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ މާލޭގައި ކުރުމަށް ހަމަޖެހިފައިވަނީ ހޮވާލެވޭ ޖުމްލަ 1080 ގޭބިސީއަކަށެވެ. އަދި އަތޮޅުތެރޭގެ 20 އަތޮޅުން ހޮވާލެވޭ ޖުމްލަ 4760 ގޭބިސީއެއްގައި މިސަރވޭ ކުރާނެއެވެ. މިސަރވޭއަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012"ގެ ދަށުން ހުއްދަލިބިގެން ކުރާ ސަރވޭއެވެ. މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. މިގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.

މިސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑު މަސައްކަތަކަށްވުމާއެކު، އާއްމުންގެ ފުރިހަމަ އެއްބާރުލެއްވުން މިކަމުގައި ދިނުމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އިލްތިމާސްކުރެއެވެ.