ޚަބަރު

ސަރުކާރުގެ އިޖުތިމާޢީ އެހީދޭ ނިޒާމުގެ ތެރެއިން ނާޖާއިޒު ފައިދާ ނަގާ މީހުން އުޅޭ - ޝިދާތާ


ޙައްޤުވެރިން ނޫން ފަރާތްތަކުން އެންސްޕާ ފަދަ ސަރުކާރުގެ އެހީދޭ ނިޒާމުގެ ތެރެއިން ނާޖާއިޒު ފައިދާ ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާއާއި ޔުނިސެފާއި ގުޅިގެން ކުރިއަށްގެންދާ "ސޯޝަލް ޕްރޮޓެކްޝަން އިވެލުއޭޝަން ވޯކްޝޮޕް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ގިނަ އެހީތަކެއް މުޖުތަމަޢަށް ލިބެމުންދާކަމަށެވެ. ނަމަވެސް އެހީ ޙައްގުވާ ބައެއް އާއިލާތަކަށް އިޖުތިމާޢީ ރައްކާތެރިކަމުގެ ތެރެއިިން ފޯރުކޮށްދޭ އެހީތެރިކަމުގެ މަޢުލޫމާތު ލިބެންވާ މިންވަރަށް ފޯރާފައި ނުވާކަން ޝިދާތާ ފާހަގަކުރެއްވިއެވެ.

ޖެންޑަރ މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު މިހާރު ބައްޓަންކުރަމުންދަނީ މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށާއި، ޢާއިލާއަކަށް އަދި ގޭބިސީއަކަށް ވާސިލުވެވޭނެ ގޮތަށްކަމަށެވެ.

އެގޮތުން މި ނިޒާމު ޤަވާޢިދުން މުޠާލިއާކުރުމާއެކު، ޙައްޤުވެރިންނަށް އެހީ ކަށަވަރުކުރުމުގެ ގޮތުން މޮނިޓަރިންގެ ކަންކަން އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

އަދި އެކަނިވެރި މައިންނާއި، ބަފައިން އަދި އެފަދަ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދޭ އެހީގެ ސަބަބުން މުޖުތަމަޢަށް ފަރުދީގޮތުންނާއި ޖަމަޢީގޮތުން ކުރަމުންދާ ހެޔޮ އަސަރުވެސް ދެނެގަނެވިފައި ނެތްކަން ޝިދާތާ ފާހަގަކުރެއްވިއެވެ.

ނަމަވެސް ޔުނިސެފާއި ޑިވެލޮޕްމަންޓް ޕާތުވޭގެ ފަރާތުން ކުރިއަށްގެންދާ "އިވެލުއޭޝަން" މަސައްކަތާއެކު، އެހީ އޭގެ ޙައްޤުވެރިންނަށް ފޯރާ މިންވަރާއި އެފަރާތްތަކަށް ލިބޭ ފައިދާއާއި، ގެންނަންޖެހޭ މުހިންމު ބަދަލުތައް ދެނެގަނެވޭނެއެވެ.

އިޖްތިމާޢީ ރައްކާތެރިކަމުގެ މަސައްކަތްތަކަށް މިއަހަރުގެ ބަޖެޓުގައި 2.9ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.