ޚަބަރު

ކާނިވާ ބަސް ރޫޓަށް މި މަހު ފަހުކޮޅު ދަތުރުތައް ފެށުމަށް ތައްޔާރުވަނީ


ކާނިވާ ސަރަޙައްދަށް މިމަހު ފަހުކޮޅު ހުޅުމާލެ ބަސް ދަތުރުގެ ޚިދުމަތް ފެށޭނެކަމަށް ލަފާކުރާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފިއެވެ. އެ ސަރަޙައްދުގައި ބަސް ސްޓޮޕް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުންދަނީ ކުރަމުންނެވެ.
........................
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ ސަރުކާރުގެވެސް އެންމެ މުހިންމު އެއް ސިޔާސަތަކީ ޕަބްލިކް ޓްރާންސްޕޯޓްގެ ސިޔާސަތު ތަންފީޒުކުރުންކަމަށެވެ. ޚާއްސަކޮށް މާލެތެރޭގައި ބަހުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތަކީ މިއަހަރު ޚާއްސަ އިސްކަމެއްދީގެން ކުރުމަށް ސިޓީ ކައުންސިލުން ރާވާފައިވާ މަސައްކަތެއްކަމަށް ޝަމާއު ވިދާޅުވިއެވެ.

ހުޅުމާލެއާއި މާލެއާއި ދެމެދު ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމަށް ސިޓީ ކައުންސިލާއި އެމްޕީއެލް ގުޅިގެން މާލޭގެ އިތުރު ރޫޓަކަށް ބަސް ދަތުރުތައް ފެށުމަށްއަންނަނީ ތައްޔާރުވަމުންނެވެ. ބަހުގައި ހެންވޭރަށް ދަތުރުކުރެވޭގޮތަށް އިތުރު ރޫޓެއް ހެދުމަށް ކާނިވާ ތެރޭގައި ބަސް ސްޓޮޕެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުންވަނީ ފަށާފައެވެ.

މި މަސައްކަތާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝަމާއު ވިދާޅުވީ ކާނިވަލުގައި ހަދާ ބަސް ރޫޓުގައި ބަސް އަނބުރާލެވޭނެ ޖާގައާއި، އަދި މީހުންނަށް މަޑުކޮށްގެން ތިބޭގޮތަށް ބަސް ސްޓޮޕް ހަދަމުން އަންނަކަމަށެވެ.

"މިހާރު ކާނިވާ ސަރަޙައްދުގައި މި ތަރައްޤީ ކުރަނީ މި ދުއްވާ ބޮޑެތި ބަސްތައް އަނބުރާލެވޭނެ ޖާގަޔާއެކު ހަދާ ސަރަޙައްދެއް. ބަސް ސްޓޮޕެއް ހަދާނެ. މި މަސައްކަތް ވަރަށް އަވަހަށް ނިންމާ ޚިދުމަތް ފަށާނަން." ޝަމާއު ވިދާޅުވިއެވެ.

މާލެއާއި ހުޅުމާލެއާއި ދެމެދު ބަހުގެ ޚިދުމަތް ދެމުން އަންނަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުންނެވެ. އެމްޕީއެލްއިން ބުނެފައިވަނީ އާ ރޫޓަށް ބަސް ދަތުރުކުރުތައް ފެށުމަށް އެ ކުންފުނިން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަށެވެ.

ގްރޭޓަރ މާލެ ޓްރާންސްޕޯޓު ލިންކުގެ މެނޭޖަރ އިބްރާހީމް މައުމޫން ޕީއެސްއެމްއާއި ވާހަކަދައްކަވަމުން ވިދާޅުވީ ބަސް ދުއްވުމަށް ބޭނުންވާ ޑްރައިވަރުންނާއި، އަދި ބަސް އެސިސްޓަންޓުން މިހާރު ހަމަޖައްސާފައިވާކަމަށެވެ. ބަސް ސްޓޮޕްގެ މަސައްކަތް ނިމުނުހާ އަވަހަށް ޚިދުމަތް ފަށަން ތައްޔާރައް ތިބިކަމަށް މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ މި ރޫޓަށްވެސް އެހެން ބަސް ސްޓޮޕަތެކެކޭ އެއްގޮތަށް ކޮންމެ 15 މިނެޓަކުން ބަސް ދަތުރުކުރާނެކަމަށެވެ. އަދި ޕީކް ގަޑިތަކުގައި 10 މިނެޓުން ދަތުރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ތާންގައި ކާނިވާ ރޫޓަށް ބަސް ދަތުރުކުރާ މަގުގައި އިތުރު ކުދި ބަސް ސްޓޮޕްތައްވެސް ހަދާނެކަމަށް މަޢުމޫން ވިދާޅުވިއެވެ. އެމްޕީއެލްއެއިން ބުނެފައިވަނީ މިމަހު ފަހުކޮޅު އާ ރޫޓަށް ބަސް ދަތުރުތައް ފެށޭނެކަމަށް ލަފަކުރާކަމަށެވެ.