ޚަބަރު

ދުޅަހެޔޮ ޖީލެއް ބިނާކުރެވޭނީ ކުޅިވަރާއި ތަޢުލީމް ގުޅުވާލައިގެން - ނާއިބު ރައީސް


ޒުވާން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކުޅިވަރާއި ތަޢުލީމް ގުޅުވާލައިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފާއިތުވި އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް "ރަންވަނަ 2019" ނަމުގައި ޔޫތު މިނިސްޓްރީން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، ކުޅިވަރުން ގިނަ ކާމިޔާބީތައް ލިބިގެންދިޔައީ ގިނަ ބައެއްގެ ބުރަ މަސައްކަތުންކަމަށެވެ. އެކަމުން ދޭހަވަނީ ދިވެހި ސަރުކާރުން ޒުވާނުންނާއި، ކުޅިވަރު ކުރިއަރުވަންދޭ ސަމާލުކަންކަމަށް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، މި ސަރުކާރު ފެށިގެން އައީވެސް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާދެއްވި"ހަށިހެޔޮ ދުޅަހެޔޮ" ޕްރޮގްރާމުން ކަމަށެވެ. މިއީ ޒުވާނުން ބާރުވެރިކޮށް ކޮންމެ މަސައްކަތެއްގައިވެސް ޒުވާނުން ބައިވެރިކުރުމަށް ސަރުކާރުން ފެށި މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޒުވާނުންގެ ބައިވެރިވުމާނުލާ އެއްވެސް ޤައުމެއް ކުރިއަރައިގެން ނުދާނެކަން ފާހަގަކުރައްވާ ވިދާޅުވީ މިދިޔަ އަހަރުގެ ކާމިޔާބީތަކަކީ ހުރިހާ އެތުލީޓުންނާއި ސަރުކާރުގެ މަސައްކަތުން ހޯދުނު ކާމިޔާބީއެއްކަމަށެވެ.

"ރާއްޖެއަށް މި ރީތި ނަންތައް ހޯދައިދިން ފަރާތްތަކަށް އަޅުގަނޑު މަރުހަބާ ދަންނަވާ ޝުކުރު ދަންނަވަން. ޤައުމަށް ރީތި ނަން ހޯދައި ދިނުމަކީ ކޮންމެ މީހެއްގެ އަޒުމަކަށް ވާންޖެހޭ. އެކި ދާއިރާތަކުން އެކި ރޮނގުރޮނގުން ރީތި ނަން ހޯދަދިދީފައި އެބަހުރި،. ބޭރުގެ ދަރިވަރުންނާ ވާދަކޮށް ބޮޑެތި ރަން ވަނަތައްހޯދައިދީފގައި އެބަހުރި. އަދިވެސް އެފަދަ ވަނަތައް އިތުރުކުރަންޖެހޭ." ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ބައިނަލްއަޤްވާމީ މުބާރާތްތަކުން ދިވެހި އެތުލީޓުން ވަނަތައް ހާސިލްކުރުމަކީ ރާއްޖޭގައިވެސް ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވުމަށް ލިބޭ ފުރުޞަތެއްކަމަށް ވިދާޅުވިއެވެ. އެގޮތުން 2023 ވަނަ އަހަރު އިންޑިޔަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ބިޑް ކާމިޔާބުކުރަން ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރިކަން ފާހަަކުރައްވާ ވިދާޅުވީ މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހުމަކީ ލިބުނު ކާމިޔާބީއެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ ވަނީ ބޭރު ޤައުމުތަކާ ބީރައްޓެހިވެ، ގިނަ ފުރުޞަތުތަކުން އެކަހެރިވެފައި ނަމަވެސް މިއަދުގެ ސަރުކާރުގެ މަސައްކަތަކީ އެޤައުމުތަކާ ގުޅުން ވަރުގަދަކުރުމުގެ އިތުރުން ކޮންމެ ޤައުމަކާއެކުވެސް މަސައްކަތްކުރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ. އެގޮތުން ވިސާއާ ނުލާ ގިނަ ޤައުމުތަަކަށް ދަތުރުކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވުމަކީ ގިނަ ދަރިވަރުންނަށާއި ޒުވާނުންނަށް ސަރުކާރުން ހޯދާދިން ފުރުޞަތެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރު މަސައްކަތްކުރަނީ އެއް އަމާޒަކަށް އެ ލަނޑުދަނޑިތަކެއް ހާސިލްކުރުމަށް ކަމަށް ވިދާޅުވެ ކުޅިވަރުން ފާއިތުވި އަހަރު ހޯދި ކާމިޔާބީއަށް ޝުކުރުއަދާކުރައްވާ އެމަނިކުފާނު ވިދާޅުވީ، ގިނަ ހަރަކާތްތަކަކާއި، ގިނަ މުބާރަތްތަކާއި ހޭލުންތެރިކުރުމުގެ އެކި ޕްރޮގްރާމްތައް ޒުވާނުންނަށް ހިންގާފައިވާކަމަށެވެ. ހަމަ އެފަދައިން ގިނަ ކަންތައް މިއަހަރުވެސް ހިންގަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ސްކޫލްތަކުގެ މެދުގައާއި ސްކޫލްތަކުގައިވެސް ގިނަ ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދާއިރު، ކުޅިވަރާއި ތަޢުލީމް ގުޅުވާލައިގެން މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވި. އަދި ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރަން ތުއްތު ކުދިންނަށް ކުޅިވަރު ދަސްކޮށްދޭންޖެހޭކަމަށާއި އެކަމުގައި ޒުވާނުން ނަމޫނާ ދައްކަންޖެހޭކަމަށް ވިދާޅުވިއެވެ.

"ނަތީޖާތައް ހާސިލްކުރާއިރު ވިސްނަންޖެހޭ ކަންކަން އެބަހުރި. ޒުވާނަކަށްވީތީ އެންމެ ބޮޑަށް ބަލަންވީ އެކަކު އަނެކަކަށް އަޅާލާ މުއާމަލާތްކުރާއިރު ރީތި ގޮތްތައް އަށަގެންނެވުމަށް. ޤައުމު ކުރިއަރާނީ އަނެކާގެ ހައްޤަށް އިހްތިރާމްކޮށްގެން."ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި މަގުމަތީ ނުވަތަ ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ހިނގަމުންދާއިރު ޒުވާނުން އެކަންކަމާ ވިސްނާ އެކަންކަމުން ދުރުހެލިވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދިނުމަށް އިލްތިމާސްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިއަދުގެ ސަރުކާރަކީ މުޅި ރައްޔިތުން ހިމެނޭހެން ޚާއްޞަކޮށް ޒުވާނުން ހިމެނޭގޮތަށް އުފެދިފައިވާ ސަރުކާރެއްކަމަށާއި، އެ އެންމެންގެ ޒިންމާއާއެކު ކާމިޔާބު ޤައުމަކަށް ރާއްޖެ ހެދޭނެކަމަށެވެ.