ސިޔާސީ އެންމެ ބޮޑު 2 ޕާޓީ، ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް މެންބަރުން އިތުރުނުވާކަން އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި ތާފާސް ހިސާބުތައް ދައްކާގޮތުން 54 ހާހަށްވުރެ ގިނަ މެމްބަރުންނާއެކު 2019 ވަނައަހަރުގެ ނިޔަލަށް އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއެވެ. އެއީ 54101 މެންބަރުންނެވެ. މިއީ މިދިޔަ މެއި މަހު އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތަކާއި އަޅާބަލާއިރު އެޕާޓީއަށް 201 މެންބަރުން މަދު އަދަދެކެވެ.
2019 ވަނަ އަހަރުގެ ނިޔަލަށް، އެމްޑީޕީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަޕާޓީއަކީ 36073 މެންބަރުންނާއެކު އިދިކޮޅު މައި ޕާޓީ ޕީޕީއެމްއެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބަށް ޕީޕީއެމްގައި ތިބި 38020 މެންބަރުންގެ އަދަދަށްބަލާއިރު، 1947 މެންބަރުންގެ މަދުވުމެކެވެ.
ތިންވަނަ އަށް އެންމެ މެންބަރުން ގިނައީ މިހާރު ޖުމްހޫރީ ޕާޓީއެވެ. އެގޮތުން 31 ޑިސެމްބަރު 2019 ގެ ނިޔަލަށް އެޕާޓީގައި ތިބީ 11072 މެންބަރުންނެވެ. މިއާއެކު ކުރިން އެޕާޓީގައި ތިބި މެންބަރުންގެ އަދަދަށްވުރެ މިހާރުމިވަނީ 1737 މެންބަރުން އިތުރުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރުގެ ނިޔަލަށް 10000 މެންބަރުން ހަމަވަނީވެސް ހަމައެކަނި 3 ޕާޓީއެއްގައެވެ. އެއީ އެމް.ޑީ.ޕީ، ޕީޕީއެމް އަދި ޖުމްހޫރީޕާޓީއެވެ.
31 ޑިސެމްބަރު 2019 ގެ ނިޔަލަށް ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު:
މެއި 2019 ގައި ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު:
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ 2019 ވަނަ އަހަރު ނިމުމާހަމައަށް 3 ޕާޓީއެއްގެ މެންބަރޝިޕް ފޯމްތައް އެކޮމިޝަނަށް މުޅިން ޕްރޮސެސްކުރެވިފައި ނުވާކަމަށެވެ. އެގޮތުން ޖޭޕީގެ 1167 ފޯމަކާއި، ޕީޕީއެމްގެ 232 ފޯމާއި އެމްއާރުއެމްގެ 323 ފޯމް ޕްރޮސެސްކުރެވިފައިނުވާކަމަށް އެކޮމިޝަނުން ހާމަކޮށްފައިވެއެވެ. މިއަދަދުތަކާއެކުވެސް އެންމެ ހަލުއިކޮށް މެންބަރުން އިތުރުވަމުންދަނީ، މިދިޔަ އަހަރުންފެށިގެން ޕާޓީގެ މެންބަރުންގެ އަދަދުއިތުރުކުރުމަށް މަސައްކަތް ފަށާފައިވާ ޖުމްހޫރީ ޕާޓީއަށްކަމުގައި ފާހަގަކުރެވެއެވެ. މިހާރު ހުރި މެންބަރޝިޕް ފޯމްތައް ސައްޙަކަމަށް އީސީން ބަލައިގެންފިނަމަ ޖުމްހޫރީ ޕާޓީގެ މެންބަރުންގެ އަދަދު ބާރަ ހާހަށް އިތުރުވާނެއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ދައުލަތުން ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރަންޖެހޭނީ ބަޖެޓް ފާސްކުރާއިރު 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.