ލޯންޗަކާއި ޑިންގީއެއް އެކްސިޑެންޓްވެ ގެއްލިފައިވާ ބ. އޭދަފުށީ މުސްތަރީގޭ އުމުރުން 41 ގެ ނަސްރުﷲ ޢަބުދުﷲ އަދިވެސް ނުފެންނަކަމަށާއި، ނަސްރު އާ ޑިންގީ ހޯދުމަށް އެމްއެންޑީއެފް އިން ހިންގާ އޮޕަރޭޝަނަށް މިހާރު މިވަނީ 3 ދުވަސް ވެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު މެންދުރު އާއިލާއެކު މަޖާކޮށްލުމަށް ދަތުރުރެއްގޮސް އެ ދަތުރު ނިންމާފައި މަހައްދިޔައީ އާއިލާ އެންމެނާއެކު ބާބެކިއު ހެދުމަށް މަސް ހޯދުމަށެވެ. ނަސްރު މަހަށް ނުކުތީ އާއިލީ އެހެން ދެމީހުންނާއި އެކު މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 06:00 ޖަހަން ކައިރިވެފައި ވަނިކޮށެވެ.
ނަސްރު އެންމެ ފަހުން ގުޅީ އޭނާގެ އަންހެނުންނަށެވެ. އެއީ އެމީހުން މަހަށް ފުރައިގެން ދަމުންނެވެ. އަންހެނުން (ނަޝްވާ)އަށް ގުޅާފައި ނަސްރުﷲ ބުނީ އޭނާގެ އަންހެނުންގެ އާއިލާ މީހެއްކަމުގައިވާ ނަޒީފް ބުނި ވާހަކައެކެވެ. އެއީ ނަޒީފްގެ ފޯނު ނުގެނެސް ގޭގައި ބާއްވާފައި އޮތީ ވިއްސާރަވެ ވާރޭ ވެހިއްޖެނަމަ، ތެމޭނެ ތަނެއްގައި ކަމަށް ވާތީ، އެފޯނު ގޭތެރެއަށް ލުމަށް ނަޒީފްގެ އަންހެނުން ގާތުގައި ބުނާށޭ ބުނުމަށް ނަޒީފު އެދުމުން ކުރި ކޯލެކެވެ. އެވަގުތަކީ ވިއްސާރަ ވިލާގަނޑެއް ނަގަމުން އައި ވަގުތެކެވެ.
މަހަށް ދިއުމަށް ފަރުމާކޮށް ހަދާފައިވާ 60 ހޯސްޕަވަރުގެ އިންޖީނެއް އަޅައިފައިއޮތް ޑިންގީގައި ފުރައިގެން އެމީހުން ފުރަތަމަ ދިޔައީ ދަރަވަންދޫ ކައިރީގައި އޮންނަ ނޭހާ ތިލަމައްޗަށެވެ. އެއަށްފަހު އެތަނުން މަހެއް ނުބޭނޭތީ ދެން މިސްރާބު ޖެހީ ކިހާދޫ ބިންމަތި ފަރަށް ދިއުމަށެވެ.
އެއީ ގަޑިން ގާތްގަނޑަކަށް ރޭގަނޑު 06:55 އެހާކަށް ހާއިރެވެ. ހަނދުފޮއެ މޫސުމަށް ވުމުން އޮތީ ހަނދުވަރު ދީފައި ނަމަވެސް، މަޑުމަޑުން ވިއްސާރަ ވިލާތަކުން އުޑުމަތި ދިޔައީ ބަނަވަމުންނެވެ.
ނަސްރުﷲ އާއިއެކު ޑިންގީގައި ދަތުރު ކުރި ތިންމީހުންގެ ތެރެއިން އެވަގުތު ޑިންގީ ދުއްވަން އިންނީ ޝަމީއުއެވެ. ޑިންގީގެ ކުރީގައި އިނީ ދަރަވްންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ނަޒީފްއެވެ. ޑިންގީގެ ފަހަތުގައި ނަސްރު އިނީ މަހެއްބޭނޭގެ އުންމީދުގައެވެ. އާއިލާގެ އެންމެން ދަރަވަންދޫއަށް ގެނަސް ބާބެކިއުހެދުމަށް މަހެއް ބާނަންދިޔަ ނަސްރު އެރޭގެ 07:00 ގެ ފަހުން ޑިންގީގައި ތިބި ދެމީހުންނަށްވެސް ގެއްލުނީއެވެ. ގަޑިއަކު ތިރީސް މޭލަށްވުރެ ބާރުމިނުގައި ދުއްވާފައިއައި ލޯންޗެއް އައިސް ނަސްރުމެން މަހަށްދިޔަ ޑިންގީގެ ފަހަތުގައި ޖެހުމުންނެވެ.
އެހިސާބުން އެންމެންވެސް ގޮވީ ސަލާމަތް ކުރުމަށެވެ. އެކްސިޑެންޓްވި ލޯންޗްގައި އިން ކައްޕި ވަގުތުން އެލޯންޗްގެ ވެރިފަރާތައްގުޅައި މިކަން އެންގުމުން 10 މިނެޓެއްހާއިރު ތެރޭގައި އެސަރަހައްދަށް ދިޔައެވެ. ނަސީބު ދިމާކުރި ގޮތުން ކައްޕި ގުޅީވަގުތު އެލޯންޗްގެ ވެރިފަރާތްހުރީ، ދަރަވްންދޫގައި އެކުންފުނިން އޮޕަރޭޓްކުރާ 32 މީހުން އުފުލާ ބޮޑުލޯންޗެއްގައެވެ.
އެލޯންޗުން ދަތުރު ކުރި ފަޅުވެރިޔާ ކިޔައިދިންގޮތުންނަމަ އެމީހުން އެޑިންގީއާ ކައިރި ކުރި ވަގުތު ޑިންގީ އަޑިއަށް ދަނީއެވެ. މީ އެލޯންޗްގެ ފަޅުވެރިޔާ އަށް ނެގުނު އެންމެ ފަހުފޮޓޯއެވެ.
އެތަނަށްގޮސް އެކްސިޑެންޓްވި ލޯންޗް ދަރަވަދޫއަށް ފޮނުވާލީ އެ ލޯންޗް އަޑިއަށް ގޮސްދާނެކަމުގެ ބިރު ހީވުމުންނާ ފަޅުވެރިއެއްގެ ކަންފަތް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ވާތީ އާއި ލޯންޗު ދުއްވަން އިން ކެޕްޓަންގެ އިނގިލި ބިނދި މޫނުމައްޗައް އަނިޔާވުމުން ފަރުވާއަށެވެ.
ޑިންގީ އަޑިއަށް ދާތީ ޑިންގީ ދުއްވަން އިން ސަމީއު ކަނޑަށް ފުންމާލީއެވެ. އޭރު ނަޒީފް އާ ނަސްރު ޑިންގީއަކު ނެތެވެ. ޝަމީއު އޭނާގެ ފޯނުގެ އަލި އެޅުވުމުން ބޮޑު ލޯންޗް ކައިރިކޮށް އޭނާ ލޯންޗައް ނެގިއެވެ. އެއަށްފަހު ނަޒީފްގެ އަޑަށް ލޯންޗް ދުއްވައި ވަލެއް އެއްލުމަށްފަހު، ނަޒީފް ލޯންޗައް ނެގިއެވެ. އަދި މީހުން ހަމަވީކަމަށް ބަލައި ލޯންޗް ކެޕްޓަން ދަރަވަންދޫއަށް މިސްރާބު ޖެހުމުން ސަލާމަތްވި ސަމީއު އާއި ނަޒީފު ނަސްރު ނެތްކަން ފާހަގަކުރި ހިސާބުން އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ.
އެއީ އެރޭގެ ގާތްގަނޑަކަށް 07:00 ހާއިރެވެ. އޭގެ ފަހުން މިހާތަނަށް ވެސް ނަސްރުގެ ހަބަރެއްނުވެއެވެ. ދަތުރު ކުރި ޑިންގީވެސް އަދި ހޯދިފައެއް ނުވެއެވެ. 48 ގަޑިއިރު ވެގެން ދިޔައިރު އަދި ފެނުނީ ޑިންގީގައި ގެންގުޅުނު ޕެޓްރޯލް ހަމަކާއި، ކަންވާރުބޮޅު ތަކެއްގެ އިތުރުން ފެންޑަރަކާ ވާކޮޅެކެވެ.
ނަސްރުﷲ ތައުލީމް ހާސިލް ކުރީ ބ.އަތޮޅު ތައުލިމީ މަރުކަޒުންނެވެ. ނަސްރު އާއެކު އެއްދުވަސްވަރެއްގައި ކިޔެވި ނިޝްފާ އާ ކައިވެނިކޮށްގެން ދިރި އުޅެމުން އައީ މާލޭގައެވެ. ކައިވެއްންޏައް 15 އަހަރު ވެފައިވާއިރު އޭނާގެ 12 އަހަރާއި 11 އަހަރުގެ 2 އަންހެންކުދިން އެބަތިއްބެވެ.
ނަސްރުﷲ ހޯދުމުގެ މަސައްކަތުގައި އަދިވެސް ކޯސްޓްގާޑާއި ކޯސްޓްގާޑުގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.