ޚަބަރު

ރަށުގައި ދިރިއުޅޭ އާބާދީ، އެދާއިރާއަކަށް ވޯޓްލެވޭނެގޮތަށް ބަދަލުކުރާނަން - އީސީ


އެދާއިރާއެއްގައި ދިރިއުޅޭ އާބާދީގައި ހިމެނޭ މީހުންނަށް އެދާއިރާއަކަށް ވޯޓްލެވޭނެގޮތަށް ލޯކަލް ކައުންސިލް އިންތިޚާބު ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

މާލޭގެ ދަފްތަރު އާބާދީ ދާއިރާތަކަށް ބަހާނެ ގޮތާއި ގުޅޭގޮތުން އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ކޮންމެ ރަށެއްގައިވެސް، އެރަށެއްގައި ދިރިއުޅޭމީހުން އެރަށުގެ ދާއިރާއަކަށް ވޯޓްލެވޭނެގޮތަށް ބަލުކުރުމުގެ ވިސްނުން ގެންގުޅޭނީ 2025ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައިކަމަށެވެ. މި ބަދަލު ގެނައުމަށްޓަކައި ޤާނޫނީގޮތުން ގެނަންޖެހޭ ބަދަލުތައް ދިރާސާކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ކައުންސިލް އިންތިޚާބު އޮންނަގޮތުން ކޮންމެ ދާއިރާއަކަށްވެސް ވޯޓްލެވޭނީ އެ ދާއިރާއެއްގައި ރަޖިސްޓްރީވެފައިވާ މީހަކަށެވެ.

މާލޭގެ ދަފްތަރުގެ އާބާދީ މާލޭގެ ދާއިރާތަކަށް ބަހާނެގޮތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، މާލޭ ދަފްތަރުގެ އާބާދީއަކީ މާލޭގެ ވަކި ގެއަކަށް ނުވަތަ ބްލޮކަކަށް ރަޖިސްޓްރީ ނުވި ނަމަވެސް މާލެއަށް ނިސްބަތްވާ އާބާދީއެއްކަމުން، މާލޭގެ ކޮންމެވެސް އެއް ދާއިރާތަކަކަށް އެފަރާތްތަކަށް ވޯޓް ލެވޭނެ އުސޫލެއް ކަނޑައަޅާފައިވާކަމަށެވެ. މާލޭ ދަފްތަރުގައި މިވަގުތު 9697 މީހުން ތިބިކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، މާލޭގެ 18 ދާއިރާއަށް ދަފްތަރު ބަހާލުމުން ކޮންމެ ދާއިރާއަކަށް 535 މީހުން ވޯޓް ލާނެކަމަށެވެ. އަދި ދަފްތަރު މީހުން މާލޭގެ ދާއިރާތަކަށް ބަހާނީ ދަފްތަރު ތަރުތީބުންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކޮންމެ އިންތިޚާބެއްގައިވެސް ދަފްތަރު އެކި ގޮތްގޮތަށް ބަދަލުކުރަންޖެހޭކަމަށް ބުނެ ބައެއް ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރުމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ، މިއަހަރު އާންމުކުރާ ދަފްތަރު އުސޫލަށް ކުރިއަށް އޮތް އިންތިޚާބުތަކުގައިވެސް އަމަލުކުރުމަށް ހަމަޖެހިފައިވާކަމަށް.

ޝަރީފް ވަނީ މާލޭގެ ދަފްތަރުގައިވެސް ބައެއް މައްސަލަތައް ހުރިކަން ފާހަގަކުރައްވާފައއެވެ. އެގޮތުން އެކަކަށް ދަފްތަރުގެ ގިނަ ނަންބަރުތަކެއްވެސް ދީފައިހުރިކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އެކަމުގެ ސަބަބުން ދާއިރާތަކަށް މީހުން ކަނޑައެޅުމުގައި މައްސަލައަކަށް ނުވިނަމަވެސް ވޯޓާސް ލިސްޓް ފައިނަލްކުރާއިރު މައްސަލައަކަށްވާނެކަމަށެވެ. އެހެންކަމުން މާލޭ ސިޓީ ކައުންސިލާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖސްޓްރޭޝަން، ޑީއެންއާރާއެކު މަޝްވަރާކޮށް އެކަމަށް ހައްލެ ގެނައުމަށް މަސައްކަތް ކުރާކަމަށެވެ. އެގޮތުން ވޯޓާސްލިސްޓްގެ މަސްދަރެއްކަމަށް ބަލާނީ ޑީއެންއޭގެ ރަޖިސްޓްރޭޝަންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.