"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓްތަކަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް ކުރިއަށްގެންދާ ސަރވޭގެ މަސައްކަތް މިފެށޭ 2020ވަނަ އަހަރުގެ ކުރީކޮޅު އެއްކޮށް ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.
ކުރީގެ ސަރުކާރުތަކުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ހުރި މައްސަލަތައް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމެޓީގެ މަސައްކަތްތަކާގުޅޭގޮތުން ވާހަކަދައްކަވަމުން ހޫދު ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދުނު ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ކުރިއަށްގެންދާ ހައުސް ހޯލްޑް ސަރވޭގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. އެގޮތުން ހިޔާ މަޝްރޫޢަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 2 ކެޓެގަރީއެއް ފިޔަވާ އެހެން ހުރިހާ ކެޓަގަރީއަކުން ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން %80 މީހުންގެ ދިރިއުޅުމުގެ ޙާލަތު މިހާރު ދެނެގަނެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޑިސެމްބަރ މަހުގެ ދެވަނަ ދުވަހު ފެށި މިސަރވޭގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ރައީސް އޮފީހުން ކުރިން ވިދާޅުވިނަމަވެސް، އެ މަސައްކަތް ލަސްވަމުންދަނީ މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން، ގިނަ ބަޔަކު ރަށުން ބޭރަށް ދިއުމާ ޢުމްރާގެ އަޅުކަމަށް ދިއުމުން، މައުލޫމާތު ހޯދުމުގައި ލަސްތަކެއްވާތީކަމަށް ހޫދު ވިދާޅުވިއެވެ.
"ކުރިން އަޅުގަނޑުމެން ބެލީ މިމަހުގެ ނިޔަލަށް ސަރވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް. މިއީ އަސްލު ޗުއްޓީދުވަސްވަރުކަމަށްވެފައި ވަރަށް ގިނަ ބޭފުޅުން ޗުއްޓީއަށްވެސް ވަޑައިގެން އުޅުއްވާތީ، އަދި ޢުމްރާ ސީޒަންވެސްމެ. ބައެއް ބޭފުޅުން ޢުމްރާއަށްވެސް ވަޑައިގެން އުޅުއްވާތީ، ބައެއް ގޭގެ އަދިވެސް ސަރވޭކޮށް ނުނިމޭ. އެކަމަކު އަންނަ އަހަރު ކުރީކޮޅު އަޅުގަނޑުމެންނަށް އެކަންކަން ނިންމާލެވޭނެ." އިބްރާހީމް ހޫދު ވިދާޅުވިއެވެ.
"ހިޔާ" މަޝްރޫޢުގެ ދަށުން ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން މިހާތަނަށް 25,244 ފޯމާއި ފޯމުތަކާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތައް ތަރުތީބުކޮށް، ކެޓަގަރީތައް ވަކިކުރުމަށްފަހު ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ ފަރާތުން އެ ލިޔެކިޔުންތަކާ ޙަވާލުވެފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި މަޝްރޫޢަށް ފޯމު ހުށަހެޅި ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގެ ލިޔުން ނިމިދިޔަ ސަރުކާރުން ހަވާލުކޮށްފައިވީ ނަމަވެސް "ދިރިއުޅުމުގެ ޙާލަތު"، މި ބަޔަށް ރިޢާޔަތްކޮށްފައިނުވާކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ހާމަކުރައްވާފައިވެއެވެ. އަދި "ހިޔާ މަޝްރޫޢު" ގެ ގިނަ ކެޓަގަރީތަކުގައި "ދިރިއުޅުމުގެ ޙާލަތު"، މިބަޔަށް ޕޮއިންޓް ދިނުމަށް ނިންމާފައިވީނަމަވެސް، މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަކަށް ކަމެއް ނުވަތަ ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވަނީ ކޮން މިންގަނޑެއްކަމެއް، މިހާތަނަށް ބެލި ބެލުމުން އެނގެން ނެތްކަމުގައި ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ.