ޚަބަރު

އިންސާނީ ވަގުފާރިއަށް ތުހުމަތުކުރެވޭ 3 މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި


އިންސާނީ ވަގުފާރިއަށް ތުހުމަތުކުރެވޭ 3 މައްސަލައެއް ތަހުޤީގު ކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް ގިނަ މަޝްރޫޢުތަކަކަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި މަކަރުވެރި ޢަމަލު ހިންގާ އަދި ސައްޙަ ނޫން ލިޔެކިއުން ހުށަހަޅާފައިވާކަމަށް ތުހުމަތު ކުރެވިގެން 3 ކުންފުންޏެއްގެ މައްސަލަ ތަހުޤީގު ކުރުމަށްޓަކައި ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި މިމައްސަލަތައް ތަހުޤީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ފޮނުވާފައިވަނީ، މައްސަލަތަކާއި ގުޅިގެން ކޮށްފައިވާ މުޢާމަލާތްތަކާއި، މި މައްސަލަތަކުގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ އެންމެހާ މަޢުލޫމާތުތަކާއި އެކުގައިކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

މި މައްސަލަތަކުގެ ތަހުޤީގު ނިމެންދެން މި 3 ކުންފުނީގެ ޙިއްސާދާރުންނާއި، މިމައްސަލަތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް އިމިގްރޭޝަނުން ފޯރުކޮށްދެމުންދިޔަ ބިދޭސީންނާއި ގުޅުންހުރި އެންމެހާ ޚިދުމަތްތަކެއް ވަނީ މެދުކަނޑާލާފައެވެ.

މި 3 މައްސަލައާއިއެކު، އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ޖުމްލަ 27 މައްސަލަ، އިމިގްރޭޝަނުން ވަނީ ތަހުޤީގު ކުރުމަށްޓަކައި ފުލުހުންނަށް ހުށަހަޅާފައެވެ. އިންސާނީ ވަގުފާރިއަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްޓަކައި ކަމާއިގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ދީފައެވެ.