ޚަބަރު

ކުޑަ ތިންކުދިން ގޮވައިގެން މާމިގިލިން ފީއައްޔަށް ދަތުރުކުރި ޑިންގީއެއް ގެއްލިގެން ހޯދަންފަށައިފި


މީހަކު ކުޑަ ތިންކުދިން ގޮވައިގެން މާމިގިލިން ފީއައްޔަށް ދަތުރުކުރި ޑިންގީއެއް ގެއްލިގެން ހޯދަންފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެއީ މާމިގިލިން ފީއައްޔަށް ދަތުރުކުރި 20 ފޫޓުގެ ޑިންގީއެއްކަމަށާއި، އެ ޑިންގީގައި ތިބީ ފިރިހެނަކާއި 3 ކުޑަ ކުދިން ކަމަށެވެ.

މިގޮތުން އެޑިންގީގައި ތިބީ 13 އަހަރާއި، 11 އަހަރާއި 9 އަހަރުގެ ކުޑަ ތިންކުދިން ކަމުގައި ފުލުހުންނާއި އެމްއެންޑިއެފުން ވިދާޅުވެއެވެ.

ޑިންގީގެ ޚަބަރެއް ނުވެގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 16:53 ހާއިރުގައި ކަމަށާއި، ޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑު ސްކޮޑްރަން އިން މިހާރު ފަށާފައިވާ ކަމަށް އެމްއެންޑިއެފުން ވިދާޅުވެއެވެ.

ޑިންގީގެ ޚަބަރެއް ވޭތޯ ފުލުހުންނާއި ސިފައިންވެސް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތުން ފ ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ލޯންޗެއްގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިންނާއި އެކު ދަނީ ހަރަކާތްތެރިވަމުންނެވެ.

އެޑިންގީ މާމިގިލިން ފުރާފައި ވަނީ މިއަދު މެންދުރުފަހު 2:30 ހާއިރު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

އެ ޑިންގީއަކީ މަތި ހިޔާކޮށްފައި ނުވާ އަދި ފިޔާތޮށި ކުލަ ލާފައިވާ ޑިންގީއެކެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން އެސަރަހައްދަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ހަވީރު 16:30 އިން 19:30 އަށް އދ. އަތޮޅާއި ތ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައެވެ.