އަންނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން ރެމިޓެންސް ޓެކްސް ނެގުން ހުއްޓާލާނެކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މީރާގެ ޑައިރެކްޓަރ ޖެނެރަލް ޓެކްނިކަލް އެންޑް ފެސިލިޓޭޝަން މުޙައްމަދު އަލީ ވަހީދު ވިދާޅުވީ، އިންކަމް ޓެކްސް ނެގުމުގެ ޤާނޫނާއެކު ބައެއް ޓެކްސްތައް ނެގުން ހުއްޓާލާނެކަމަށެވެ. އެގޮތުން ރެމިޓަންސް ޓެކްސް ނެގުން ޖެނުއަރީމަހުން ފެށިގެން ހުއްޓާލާނެކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ.
މުހައްމަދު އަލީ ވަހީދު ވިދާޅުވީ، ރެމިޓަންސް ޓެކްސް ނަގާނެ އެންމެ ފަހު މަހަކީ ޑިސެމްބަރުމަސް ކަމަށާއި، ޑިސެމްބަރުމަހުގެ ރެމިޓެންސް ބަޔާން ހުށައަޅަންޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 15 ވަނަ ދުވަސްކަމަށެވެ.
"އިންކަމް ޓެކްސްގެ ޤާނޫނާއިއެކު ބައެއް ޤާނޫނު އެބަ އުވިގެންދޭ. އޭގެތެރޭގައި ބިޒްނަސް ޕްރޮފިޓް ޓެކްސްއާއި ބޭންކް ޕްރޮފިޓް ޓެކްސް ޤާނޫނާއި ހަމައެއާއިއެކީ ވަޒީފާއާއި ބެހޭ ޤާނޫނުގެ ދަށުން ނަގަމުންދާ ރެމިޓަންސް ޓެކްސް ވެސް އުވިގެންދާނެ. އެހެންނަމަވެސް ބިޒްނަސް ޕްރޮފިޓް ޓެކްސް ޤާނޫނާއި ބޭންކް ޕްރޮފިޓް ޓެކްސް ޤާނޫނު އުވިގެންދިޔަސް އެޤާނޫނުތަކުން ނެގެމުންދިޔަ ޓެކްސް މި ޤާނޫނުގެ ތެރެއަށް އެބަވަދޭ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ ރެމިޓެންސް ޓެކްސް މިއަހަރު ނިމުމާއިއެކު ނިމުމަކަށް މިއައީ." މުޙައްމަދު އަލީ ވަހީދު ވިދާޅުވިއެވެ.
ރެމިޓަންސް ޓެކްސްއަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މަނީ ޓްރާންސްފާ އެޖެންސީއެއް ނޫނީ ބޭންކެއް މެދުވެރިކޮށް ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނެގޭ ޓެކްސްއެކެވެ. މި ޓެކްސް އުވާލަން ނިންމީ، މި ޓެކުހުގެ ސަބަބުން ބޭންކުގެ ބޭރުން ފައިސާގެ މުއާމަލާތްތައް ކުރުން އިތުރުވެފައިވާތީއެވެ.
ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރު ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހަކާއެކުއެވެ. މިދިޔަ އަހަރު މި ޓެކުހުން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 101 މިލިއަން ރުފިޔާ އެވެ. މިއީ 2017 ވަނަ އަހަރު ލިބުނު 114 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.