ބީލަމަށްް ނުލައި، އިޢުލާންކުރުމެއް ނެތި، އެތައް މިލިއަން ރުފިޔާއެއްގެ މުދަލާއި ޚިދުމަތް އެމްޕީއެލްއިން އުސޫލުން ބޭރުން ހޯދާފައިވާކަމަށް އޮޑިޓަރ ޖެނަރަލް ހާމަކުރައްވައިފިއެވެ.
އޮޑިޓަރ ޖެނަރަލް މިކަން ހާމަކޮށްފައިވަނީ އެމް.ޕީ.އެލުން 2015 އިން 2017 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކޮށްފައިވާ ކުރިއަށްގެންދިޔަ ޚާއްޞަ އޮޑިޓުގައެވެ.
އެމްޕީއެލްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ވާދަވެރި ބީލަމުގެ އުސޫލުން މުދަލާއި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތްތައް ކަނޑައެޅުމުގެ ފުރުޞަތު އޮތް ހާލަތްތަކުގައިވެސް، 86 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުދަލާއި ޚިދުމަތް އުސޫލުން ބޭރުން ހޯދާފައިވުން ހިމެނެއެވެ. އަދި މީގެތެރެއިން 69.2 މިލިއަން ރުފިޔާގެ މުދަލާއި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ކަނޑައަޅާފައިވަނީ ކުންފުނީގެ ބޯޑުގެ ނިންމުމާ އެކުގައިކަންވެސް ރިޕޯޓުން ހާމަވެއެވެ.
އޮޑިޓަރ ޖެނަރަލްގެ ރިޕޯޓުގައި މިކަން އިސްލާޙްކުރުމަށް ދެ ލަފައެއް ވަނީ އަރުވާފައެވެ. އޭގެ ތެރޭގައި ޚާއްސަ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި ހާމަކަން ބޮޑު ޒިންމާދާރު ގޮތެއްގެ މަތިން މިފަދަ ބީލަންތައް ކުރިއަށްގެންދިއުން ހިމެނެއެވެ. އަދި ބީލަމަށް ނުލައި ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށްވެސް އޮޑިޓަރ ޖެނަރަލް ވަނީ ލަފާދީފައެވެ.
އެމްޕީއެލްގެ އޮޑިޓްގައި ފާހަގަކޮށްފައިވާ އެހެން މައްސަލަތަކުގެ ތެރޭގައި އަމިއްލަ ދެ ކުންފުންޏަކަށް ތިލަފުށިން ދޫކޮށްފައި އޮތް ދެބިމެއްގެ ލީސް ރައިޓްސް 14.9 މިލިޔަން ރުފިޔާއަށް ގަތުމަށް އެމް.ޕީއެލުން ކުރިއަށްގެންދިޔަ މުއާމަލާތުގައި ހުރި ބޮޑެތި މައްސަލަތައް ހިމެނެއެވެ.
މީގެއިތުރުން އެމްޕީއެލްއާއި ސިންގަޕޫރުގެ ކުންފުންޏަކާ ދެމެދު 2017 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން ގަންނަން މަސައްކަތްކުރި ލޭންޑިންގ ކްރާފްޓެއް ނުލިބުމާއި، އޭގެ އެޑްވާންސް ފައިސާގެ ގޮތުގައި ދިން ހަތަރު ލައްކައަށްވުރެ ގިނަ ޑޮލަރު އަނބުރާ ހޯދާފައިނުވާ މައްސަލަވެސް ހިމެނެއެވެ.
މިމައްސަލަތަކުގެ އިތުރުން އަގުބޮޑުކޮށް މުދާ ގަތުމަށްފަހު އެތަކެތި ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިވާ މައްސަލަވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި އެމްޕީއެލުން ފޯރުކޮށްދޭ ދަތުރުފަތުގެ ޚިދުމަތްތައް ފޯރުކޮށް ދިނުމާއި، އެޚިދުމަތަށް ތަކެތި ހޯދުމުގައި ހިންގާފައިވާ މުއާމަލާތްތަކުން ފާހަގަކުރެވުނު ބޮޑެތި މައްސަލަތައްވެސް މިއޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.