19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި އެންމެ މަދުން މަޖިލީހަށް ހާޒިރުވި މެންބަރުންގެ ގޮތުގައި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމްއާއި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހިމެނިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުން ޢާންމުކޮށްފައިވާ މެންބަރުންގެ ޙާޒިރީ ރިޕޯޓްގައިވާގޮތުގައި ނިމިދިޔަ ދައުރުގައި 33 ޖަލްސާ ބާއްވާފައިވެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރުގެ ޙާޒިރީ ރިޕޯޓްގައިވާގޮތުން މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް 11 ޖަލްސާއަށް ޙާޒިރުވެވަޑައިގެންފައި ނުވާއިރު، ފަސް ޖަލްސާއަށް ވަނީ ސަލާމް ވިދާޅުވެފައެވެ. ސިޔާމަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުތަކުގައިވެސް އެންމެ މަދުން ޖަލްސާތަކަށް ވަޑައިގެންފައިވާ މެންބަރުވެސްމެއެވެ.
ށ.ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވެސް ނިމިދިޔަ ދައުރުގައި 11 ޖަލްސާއަށް ވަޑައިނުގެން ހުންނެވީ ސަލާމުގައެވެ. ނަމަވެސް އޮކްޓޫބަރު މަހު ބޭއްވި ހުރިހާ ޖަލްސާއަކަށް ޝާހިދު ޙާޒިރުވެވަޑަިއގެންފައިވެއެވެ.
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފައިވަނީ ޝާހިދު މަޖިލީހުގެ ގިނަ ސަލްސާތަކަށް ވަޑައިގެންފައިނުވަނީ އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުންކަމަށެވެ.
ސިޔާމް އާއި ޝާހިދުގެ އިތުރުން މަޖިލީހުގެ ޖަލްސާތަކުގައި ދެން އެންމެ މަދުން ބައިވެރިވެ ވަޑައިގެންފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން އެވެ. ރަސްމީ ދަތުރުފުޅެއްގައި ހުރުމުގެ ސަބަބުން ހިސާން 13 ޖަލްސާއަށް ވަޑައިގެންފައިނުވާއިރު 1 ޖަލްސާއަށް ވަޑައިނުގެން ހުންނެވީ ސަލާމުގައެވެ.
މަޖިލީހުގެ ޙާޒިރީ ރިޕޯޓް ދައްކާގޮތުން ދެން އެންމެ މަދުން ޖަލްސާއަށް ވަޑައިގެންފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފެވެ. އެކްސިޑެންޓުވެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ޔާސިރު ވަނީ 9 ޖަލްސާއަކަށް ސަލާމް ބުނެފައެވެ.
މީގެ އިތުރުން މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން 7 ޖަލްސާއަށް ސަލާމުގައި ހުނެވިއިރު ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު 6 ޖަލްސާއަށް ވަޑައިގެންފައެއްނުވެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަމެންބަރުން ހުރިހާ ޖަލްސާއަށް ވަޑައިގެންފައިވާކަން ފާހަގަކޮށްލެވެއެވެ.