އުއްތަމަފަޑިޔާރަކަށް އަޙްމަދު މުއުތަސިމް އަދުނާން އަދި ސްޕްރީމްކޯޓުގެ ފަޑިޔާރުގެ މަޤާމަށް ހުސްނުއްސުއޫދު އައްޔަން ކުރައްވައިފިއެވެ.
އުއްތަމަފަޑިޔާރުގެ މަޤާމަށް މުއުތަސިމްއާއި، ސްޕްރީމް ކޯޓުގެ ފަޑިޔާރުގެ މަޤާމަށް ހުސްނުއްސުއޫދު ޢައްޔަން ކުރެއްވުމުގެ ކުރިން، މިދެބޭފުޅުންވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ފަޑިޔާރުކަމުގެ ހުވާލައިދެއްވީ ސްޕްރީމް ކޯޓް ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުކުރައްވާފައިވާ ޑރ. އަޒްމިރަލްދާ ޒާހިރުއެވެ. އަދި އުއްތަމަ ފަނޑިޔާރުގެ ހުވާ ލައިދެއްވީ ސްޕްރީމް ކޯޓުގެ ފަޑިޔާރު ހުސްނުއްސުއޫދުއެވެ.
ރައްޔިތުންގެ މަޖިލީހުން އުއްތަމަ ފަޑިޔާރުގެ މަޤާމަށް މުޢުތަސިމް އައްޔަންކުރެއްވުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ. ސުޢޫދު ޢައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އައްޔަންކުރައްވާފައިވާ މުޢުތަސިމް އަދުނާނަކީ 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުން ވަކިވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ޤާނޫނަށް ބަދަލު ގެނެސް ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ އަަދަދު ފަހަކަށް ބަދަލުކުރުމުންނެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާފައިވާ ހުސްނުއްސުޢޫދަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނާއިބުގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. ސުއޫދު ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ޞާލިހު އެކުލަވާލެއްވި ކޮމިޝަންގެ ރައީސްގެ މަޤާމުވެސް ފުރުއްވާފައެވެ.
އުއްތަމަފަޑިޔާރުގެ މަޤާމަށް އައްޔަންކުރެއްވި މުއުތަސިމް އަދުނާނާއި، ސްޕްރީމްކޯޓުގެ ފަޑިޔާރުގެ މަޤާމަށް އައްޔަންކުރެއްވި ހުސްނުއްސުއޫދާއެކު މިވަގުތު ސްޕްރީމްކޯޓުގެ ބެންޗުގެ އަދަދުވަނީ 5 އަށް އިތުރުވެފައެވެ. މި ދެ ބޭފުޅުންގެ އިތުރުން ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު މަހާޒު ޢަލީ ޒާހިރުއެވެ.