ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށުން ވެގެންދާނީ ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތް ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށްކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ރުޕޭ ކާޑު ތައާރަފްކުރުމަކީ އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ 4 މަޝްރޫޢެއްގެ ތެރެއިން 1 މަޝްރޫއެވެ. ރައީސް އޮފީހުގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ބީ.އެމް.އެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ ޓިމް ސޯޔަރއެވެ. ނެޝަނަލް ޕޭމަންޓްސް ކޯރޕަރޭޝަން އޮފް އިންޑިއާ، އެން.ޕީ.ސީ.އައިގެ ފަރާތުން ސޮއިކުރެއްވީ ލީޑް އޮފް އިންޓަރނޭޝަނަލް އެލަޔަސް ހަރީޝް ޝަންކަރެވެ.
މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ރުޕޭ ކާޑު ބޭނުން ކުރެވޭގޮތް ހަމަޖެހިގެންދާނެކަމަށް އެ ބޭންކުން ބުނެއެވެ. މި އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ތަނުގައި ދެފަރާތް ގުޅިގެން ތައްޔާރުކުރާ ޕްރީޕެއިޑް ކާޑު މެދުވެރިކޮށް އިންޑިއާގެ އޭޓީއެމްއާއި ޕީއޯއެސް މެޝިންގައި ކާޑު ބޭނުންކުރުމުގެ އިތުރުން އިންޑިޔާގައި ޑިޖިޓަލްކޮށް ޕޭމަންޓް ހެދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
މި އެއްބަސްވުމާއި ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ އިންޑިއާގެ ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަނާ ގުޅިގެން ރާއްޖޭގައި ރުޕޭ ކާޑު ބޭނުން ކުރުމުގެ މަސައްކަތް ފެށުމަށް އެހީތެރިވުމަކީ އެ ބޭންކަށް ލިބޭ ބޮޑު އުފަލެއްކަމަށެވެ. ޓެކްނޮލޮޖީއާ ރަހުމަތްތެރި މުޖުތަމައަކާ ދިމާލަށް ދަތުރުކުރުމަށް މިއީ އިންޑިއާގެ ސަރުކާރުގެ މުހިންމު އިސްނެގުމެއްކަމަށާއި ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށުން ވެގެންދާނީ ރާއްޖެއަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތް ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަމަށް އޭނާ ވިދާޅުވިއެވެ.
ރުޕޭ އަކީ އިންޑިޔާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ. 2019 ވަނަ އަހަރު ރުޕޭ ނެޓްވޯކުން އޮންލައިންކޮށް އަދި މަރޗަންޓުން މެދުވެރިކޮށް 1 ބިލިއަން ޓަރާންސެކްޝަން ވަނީ ހަދާފައެވެ. އަދި ރުޕޭ ކާޑު ބޭނުންކުރެވޭ އޭޓީއެމް އާއި ޕީއޯއެސް އަދި ވެބްސައިޓްތައް އިތުރުކުރުމުގެ ގޮތުން ރުޕޭއިން ވަނީ އިންޑިއާ އަދި ބައިނަލްއަގްވާމީ 600 އަށް ވުރެ ގިނަ ބޭންކާއި ޕާރޓްނާޝިޕް ހަދާފައެވެ.
އިންޑިއާގެ ރުޕޭ ކާޑު ރާއްޖެއަށް ތަޢާރަފްކޮށްފައިވާއިރު، ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކީވެސް އިންޑިއާއެވެ.