ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދެމުންދާ ތޫފާންތަކުގެ ސީދާ އަސަރެއް ރާއްޖެއަކަށް ނުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ، ރާއްޖެ ހިމެނޭ ސަރަހައްދުގައި 3 ކޮޅިގަނޑެއް އުފެދި، ތޫފާންތަކަކަށް ބަދަލުވަމުންދާކަމަށެވެ. އަދި އެ 3 ކޮޅިގަނޑުވެސް ދަތުރުކުރަމުންދަނީ ރާއްޖެއާއި ދުރަށްކަމުން، ކޮޅިގަނޑުތަކުން އުފެދޭ ތޫންފާންތަކުގެ ސީދާ އަސަރެއް ރާއްޖެއަކަށް ނުކުރާނެކަމަށެވެ. އެގޮތުން ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ 3 ކޮޅިގަނޑުގެ ތެރެއިން ދެ ކޮޅިގަނޑެއް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވާނެކަމަށް ބެލެވޭކަމަށާއި، އަނެއް ކޮޅިގަނޑު ކުރިއަށްއޮތް 36 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވާނެކަމަށް ބެލެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މި ތުފާންތަކުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، އަންނަ ހޯމަ ދުވަހުން ފެށިގެން އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއްވައެވެ.
ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކަށް ކުރިއަށްއޮތް 5 ދުވަހުވެސް ބޯކޮށްވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.