އެކުވެރި އަރަބި އިމާރާތުގެ 48 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.
އެކުވެރި ޢަރަބި އިމާރާތުގެ 48 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސްއާއި، ނައިބު ރައީސް، ބޮޑުވަޒީރު އަދި އަބޫދާބީގެ ވަލީއަޙުދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ތަހުނިޔާ ވިދާޅުވެ، ވަކިވަކިން މެސެޖް ފޮނުއްވާފައެވެ.
އެކުވެރި ޢަރަބި އިމާރާތުގެ ރައީސް، ޝައިޚް ޚަލީފާ ބިން ޒައިދު އައް ނަޙްޔާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، އެޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ، އެޤައުމާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި މި ގުޅުން ކުރިއަށްއޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ، އެކުވެރި ޢަރަބި އިމާރާތުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށް ފޮނުއްވި މެސެޖްގައި، ދެޤައުމުގެ މެދުގައި އޮތް ދުވަސްވީ ގާތް ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި އިތުރަށް ބަދަހިވަމުން އައިސްފައިވާކަން ފާހަގަކުރައްވައި، ދެޤައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާވާ ގޮތަށް މިގުޅުން ކުރިއަށްއޮތް ތަނުގައިވެސް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މި މެސެޖްގައި އެޤައުމުގެ ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.
އަބޫދާބީގެ ވަލީއަޙުދު، ޝައިޚް މުޙައްމަދު ބިން ޒައިދު އައްނަޙްޔާނަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، އެޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރައްޔިތުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ތަހުނިޔާ ވިދާޅުވެފައިވެއެވެ.
މި މުނާސަބަތުގައި އެޤައުމުގެ ތަރައްޤީގެ ބާނީ، އަލްމަރްޙޫމް ޝައިޙް ޒައިދު ބިން ސުލްޠާން އައްނަޙްޔާން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތަރައްޤީގެ މަގުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.