ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ބައްލަވާލައްވައިފިއެވެ.
ކަޅުވަކަރު މިސްކިތް އަލުންރާވާ ސަރައްޙައްދަށް ކުރެއްވި ޒިޔާރަތުގައި މިސްކިތް ރޭވުމުގެ މަސައްކަތްކުރިޔަށްދާ ގޮތް ބައްލަވާލެއްވުމުގެ އިތުރުން އެ މަޝްރޫޢާބެހޭ މައުލޫމާތު މަސައްކަތުގައި އިސްކޮށްހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހޯއްދެވިއެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހިންގަމުން އަންނަ ޤައުމީ ދާރުލް އާޘާރުގެ އިމާރާތަށް ޒިޔާރަތްކުރައްވައި އެ އިމާރާތުގައި ކުރެވެމުންދާ ބައެއް މަސައްކަތްތަކާއި އިމާރާތުގެ ހާލަތުވެސް ބައްލަވާލެއްވިއެވެ. އަދި އެ އިމާރާތުގައި، ޤައުމީ އަރުޝީފު ދަށަށް ގެނެވޭ ދުވަސްވީ ލިއުންތައް ރައްކާކުރާ ތަނަށް ޒިޔާރަތްކުރައްވައި އެތަންވެސް ނާއިބު ރައީސް ވަނީ ބައްލަވާލައްވާފައިވެއެވެ.
ކަޅުވަކަރު މިސްކިތް ހޯދައި، އަލުން އެމިސްކިތް ރޭވުމަކީ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. މިގޮތުން ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ފައްޓަވައިދެއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 19 ވަނަ ދުވަހުގައެވެ.
ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމުގެ މަސައްކަތް ކުރަމުންދަނީ ޗާންދަނީމަގާއި މެދުޒިޔާރަތްމަގު ގުޅޭ ސަރަހައްދުގައި އިހުގައި ޓަކިބޭ މިސްކިތް ހުރި ބިމުގައެވެ. 200 އަހަރު ވެފައިވާ ދިވެހިންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަން ފެނިގެންދާ ކަޅުވަކަރު މިސްކިތް އަލުން ރާވަނީ ނަމާދުކުރެވޭ އަދި މިސްކިތް ބަލާލަން އަންނަ ފަރާތްތަތަކަށްވެސް ފެންނާނެގޮތަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިގެންނެވެ.