ޚަބަރު

ސެނަހިޔަ ހޮސްޕިޓަލަކަށް ބަދަލުކޮށް ނަންވެސް ބަދަލުކޮށްފި


އެމްއެންޑީއެފް ސެނަހިޔަ "ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް" ގެ ނަމަށް ބަދަލުކޮށްފިއެވެ.

ސެނަހިޔަ ނަން ބަދަލުކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި މިރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އެމްއެންޑީއެފް މެޑިކަލް ކޯރޕްސްގެ ދިދަވެސް އިފްތިތާޙް ކޮށްދެއްވާފައެވެ.

މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެމްއެންޑީއެފް މެޑިކަލް ކޯޕްސް އިން ހިންގާ ކޯސްތަކާ ގުޅޭ "ކޮމްބެޓް މެޑިކް މެނުއަލް" ފޮތް ނެރެދެއްވާފައެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފް މެޑިކަލް ކޯޕްސްގެ ފަރާތުން ވަނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ޚާއްޞަ ކޮއިން އެއް އަރުވާފައެވެ. މި ކޮއިން، ޗީފް އޮފް ޑިފެންސް ފޯސްއަށް ހަވާލުކޮށްދެއްވީ މެޑިކަލް ކޯޕްސްގެ ކޮމާންޑިންގ އޮފިސަރ، ކާނަލް ޑރ ޢަލީ ޝާހިދު މުޙައްމަދެވެ.

ސެނަހިޔަ، މިލިޓަރީ ހޮސްޕިޓަލްގެ ނަމަށް ބަދަލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް އާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.

ސެނަހިޔާ ހޮސްޕިޓަލް ހުޅުވާފައިވަނީ 16 ސެޕްޓެމްބަރު 2012 ގައެވެ. ސެނަހިޔާ ހޮސްޕިޓަލުން މިވަގުތު ލިބެންހުރި ޚިދުމަތްތަކުގެ ތެރޭގައި ޢާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމާއި، ބައެއް ސްޕެޝަލިސްޓުންގެ ޚިދުމަތްތަކުގެ އިތުރުން، ލެބޯޓްރީގެ ޚިދުމަތް ހިމެނެއެވެ. ސެނަހިޔާއިން ދެމުންދާ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އޮޕަރޭޝަން ތިއޭޓަރާއި ޖެނެރަލް ވޯޑެއް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެތަނުގައި ވަނީ ހުޅުވާފައެވެ. އާސަންދައިގެ ޚިދުމަތާއެކު ޢާއްމުންނަށް ސެނަހިޔާ ހޮސްޕިޓަލް ހުޅުވާލުމާއެކު ގިނަބަޔަކު ދަނީ އެތަނުގެ ޚިދުމަތް ހޯދަމުންނެވެ.