ވިޔަފާރި

މޯލްޑިވްސް ބޯޓިންގ އެވޯޑްސް އަންނަ މަހުގެ 19 ވަނަ ދުވަހު ބާއްވަނީ


މޯލްޑިވްސް ބޯޓިންގ އެވޯޑްސް އަންނަ މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަންގެ ސެކެޓްރީ ޖެނަރަލް މުޙައްމަދު އިގްނާޒް ޢަލީ ވިދާޅުވީ މިހާރު ކުރިއަށްދަނީ އެވޯޑަށް ކުރިމަތިލާފައިވާ ފަރާތްތައް ޖަޖުކުރުމުގެ މަރުޙަލާކަމަށާއި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވޯޑު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މިދިޔަ އަހަރުގެ އެވޯޑު ދީފައިވަނީ 27 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އިގްނާޒް ވިދާޅުވީ ބޯޓިންގ އެސޯސިއޭޝަން ޤައުމީ ޖަމްޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީވުމާއި ގުޅިގެން އެޖަމްޢިއްޔާގެ މެންޑޭޓް މިހާރު ފުޅާވެފައިވާކަމަށެވެ. އެގޮތުން ރާއްޖޭގައި ޙަރަކާތްތެރިވާ މަސްދޯނިފަހަރާއި އޮޑިދޯނިފަހަރާއި ފެރީތައްވެސް މިހާރު އެޖަމްޢިއްޔާގެ މެންޑޭޓުގައި ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، މިއަހަރުގެ ބޯޓިންގ އެވޯޑުގައި ފެރީ އޮޕަރޭޓަރުންނަށް ޚާއްސަކޮށްގެން ކެޓަގަރީއެއް އެކުލަވާލާފައިވާނެކަމަށް އިގްނާޒް ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް އަހަރުތަކުގައި ބޯޓިންގ އެވޯޑުގައި މަސްވެރި އުޅަނދުތައް ބައިވެރިކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އިގްނާޒް ވިދާޅުވިއެވެ.

"ނެޝަނަލް ސްޓޭޓަސް ލިބުމާއެކު އަޅުގަނޑުމެން ހަމައެކަނި ސަފާރީތަކަށް އެކަންޏެއް ނޫން މި ޓާގެޓް މި ކުރަނީ. ފެރީ އުޅަނދުފަހަރު މަސްދޯނިތައް މިވަނީ އަޅުގަނޑުމެންގެ މެންޑޭޓުގެ ތެރެއަށް އައިސްފަ. އެހެންވީމަ، އަޅުގަނޑުމެން ހިތަށްއެރީ މިދިޔަ އަހަރު އަޅުގަނޑުމެން ހިތަށް އެރީ ސަފާރީތަކުގެ އިތުރުން ފެރީ އޮޕަރޭޓާސްތަކަށް ފުރުސަތު ހުޅުވާލާނަމޭ. އަޅުގަނޑުމެން އެބަޖެހޭ އެބޭފުޅުން ވެސް އަގުވަޒަންކުރަން." އިގްނާޒް ވިދާޅުވިއެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން މިދާއިރާގައި ހަރަކާތްތެރިވާ ސަފާރީތަކާއި ލިވަރބޯޑުތައް ކުރިއެރުމަށް ހިތްވަރުދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. އިގްނާޒް ވިދާޅުވީ ފާއިތުވި އަހަރުތަކުގެ އެވޯޑުގެ ކާމިޔާބީއާއެކު ރާއްޖޭގެ ލަގްޒަރީ ސަފާރީތައް އިތުރުވެ ސަފާރީތަކުގެ ޚިދުމަތްތައް ވެސް ރަނގަޅުވެގެންދިޔަ ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަނަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ކުރިއެރުވުމަށް 'ލިވަރބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް' ގެ ނަމުގައި 2007 ވަނަ އަހަރު އުފެއްދި ޖަމްޢިއްޔާއެކެވެ.