އަތޮޅު ކައުންސިލްގެ ރައީސުން އިންތިޚާބުކުރާނެގޮތާ ގުޅޭގޮތުންނާއި އަތޮޅު ކައުންސިލަރުގެ ބަދަލުގައި އަތޮޅުވެރިޔަކު އިންތިޚާބުކުރުމާގުޅޭގޮތުން މެންބަރުން ގިނަ ޚިޔާލުތަކެއް ހުށައަޅައިފިއެވެ. މެންބަރުން މިގޮތަށް ޚިޔާލުފާޅުކުރެއްވީ ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ހުށައަޅާފައިވާ އިޞްލާހާ ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
ޤާނޫނު އަސާސީއަށް ފުރަތަމަ ހުށައެޅި އިޞްލަޙުގައި ވަނީ އަތޮޅު ކައުންސިލްގެ ރައީސްއާއި ނާއިބު ރައީށް އަދި ސިޓީކައުންސިލްގެ މޭޔަރުންނާއި ނައިބު މޭޔަރުން ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާގޮތަށެވެ. ނަމަވެސް ސަބް ކޮމިޓިން ދިރާސާކޮށް މުޅި މަޖިލީހުގެ ތަޅުމަށް ހުށައެޅި އިޞްލާހުގައިވަނީ ރައްޔިތުންގެ ވޯޓަކުން ހޮވާނީ ހަމައެކަނި ކައުންސިލްގެ ރައީސާއި މޭޔަރުންކަމަށެވެ. ނާއިބު މޭޔަރުންނާއި ކައުންސިލްގެ ނާއިބު ރައީސް އިންތިޚާބުކުރާނީ ކައުންސިލް މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންކަމަށެވެ.
މި ބަދަލާ ގުޅޭގޮތުން މުޅިމަޖިލީހުގެ ކޮމިޓިގައި މައިގަނޑުގޮތެއްގައި މެންބަރުން ވަނީ ދެކަމަކަށް ޚިޔާލު ބަދަލުކޮށްފައެވެ. އެއީ އަތޮޅު ކައުންސިލަރުން ޢައްޔަންކުރާނީ މުޅި އަތޮޅުގެ ރައްޔިތުންގެ ވޯޓަކުންތޯ ނޫނީ ކައުންސިލް މެންބަރުންގެ ވޯޓަކުންތޯއެވެ. އަނެއް ޚިޔާލަކީ އަތޮޅު ކައުންސިލްގެ ރައީސަށް ކިޔާނެ ނަމަކާމެދު ދާޅުކުރި ޚިޔާލެވެ. އެއީ ކައުންސިލްގެ ރައީސްތޯ ނުވަތަ މޭޔަރުތޯ ޚިޔާލު ބަދަލުކޮށްފައިވެއެވެ.
މިއަށް ބަހުސްކުރައްވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވިދާޅުވީ ހުރިހާ އަތޮޅެއްގައިވެސް އަތޮޅު ކައުންސިލަރުގެ ބަދަލުގައި މޭޔަރެއް ހުންނަނަމަ މުޅި ރާއްޖޭގައި ކޮންމެ އަތޮޅެއްގައި މޭޔަރެއް ހުންނާނެކަމަށެވެ. އެއީ އަތޮޅު ކައުންސިލަރުންވެސް ހޮވަނީ ބޮޑު އާބާދީއަކުންކަަމށްވާތީކަމަށްވެސް ޠާރިޤް ވިދާޅުވިއެވެ.
"އަތޮޅު ކައުންސިލްގެ ރައީސުންގެ ނަން ސިޓި ކައުންސިލް އޮތްގޮތަށް މޭޔަރުންނަށް ބަދަލުކޮށްލެވިއްޖެއްޔާ މުޅި ރާއްޖޭގައި ހުރިހާ އަތޮޅެއްގައި އެއް މޭޔަރު ހުންނާނެ. އަދި ބޮޑެތި ސިޓީތަކުގައި އެއް މޭޔަރު ހުންނާނެ." ޠާރިޤު ވިދާޅުވިއެވެ.
ޠާރިޤްގެ ހުށައެޅުމަށް ބައެއް އެހެން މެންބަރުންވެސް ތާޢީދުކުރެއްވިއެވެ. އެހުށައެޅުމަށް ތާޢީދުކުރެއްވި މެންބަރުން ވަނީ މޭޔަރެއް ހުރިހާ ހިސާބަކަށް އައްޔަންކުރުމަކީ މުޅި ރާއްޖެއަށް އޮތް މަސްލަހަތުކަމަށް ޤަބޫލުކުރައްވާކަމަށެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވެސް ވަނީ އަތޮޅު ކައުންސިލްގެ ނަން އަތޮޅުވެރިޔާގެ ނަމަށް ބަދަލުކުރުމަށް ތާޢީދުކޮށް ވާހަކަ ދައްކަވާފައެވެ. އަދި ޣަފޫރު ވިދާޅުވީ، މޭޔަރުންނާއި އަތޮޅުވެރިޔާގެ މުސާރާގައި މާބޮޑު ތަފާތެއް ހުރެގެން ނުވާނެކަމަށެވެ.
"އަލުން އަންނަ އުސޫލުން އަތޮޅު ކައުންސިލަށް މިހޮވެނީ މުޅި އަތޮޅުން. އެއީ ފަނަރަ ވިހި ފަންސަވީސް ހާސް މީހުންގެ ވޯޓުން އެމީހަކު އެ އަންނަނީ. ހަމައެއާއެކު ސިޓީކައުންސިލަށް ހޮވާފަ މޭޔަރު މި އަންނަނީ ނަގާ ވޯޓަކުން. އެވެސް ބަދަލުވާންޖެހޭނޫންތޯ. އަދި މުސާރާގައިގެ ތަފާތުވެސް ކުޑަވާންޖެހޭނެ." ޢަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.
ނަމަވެސް އެ ހުށައެޅުންތަކާ ޚިޔާލުތަފާތުވި މެންބަރުންވެސް ތިއްބެވިއެވެ. އެގޮތުން ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުއްޝަހީމް ޢަބްދުލްހަކީމް ވިދާޅުވީ، އަތޮޅު ވެރިންނާމެދު ދެކޭ ގޮތް ރާއްޖޭގައި މިހާރު ބަދަލުވެފައިވާކަަމށާއި، ކައުންސިލްގެ ރައީސްއެއްގެ ނަމަށް އަތޮޅުވެރިޔާ ކިއުމުގެ ބަދަލުގައި ނުަތަ މޭޔަރު ކިޔުމުގެ ބަދަލުގައި ގަވަރުނަރު ކިއުން ރަނގަޅުކަމަށެވެ.
"އަތޮޅުވެރިން އަންނަންޔާ އަޅުގަނޑު ކަންބޮޑުވޭ އިއްޒަތްތެރި ރައީސް. އަތޮޅުވެރިންނާމެދު ދެކޭ ގޮތް މިހާރު ތަފާތު. އޭގެ ބަދަލުގައި ތަންކޮޅެއް ތާޒާކޮށް މާ ރަނގަޅު ގަވަރުނަރު ކިޔަސް މާ ރަނގަޅު. ސިޓީއެއްގެ ދަރަޖަ ނުލިބެންޔާ ގަވަރުޖނަރު ކިއުން މާރަނގަޅު އަތޮޅުވެރިޔާގެ ނަން ކިއުމަށްވުރެ." ޢަބްދުއްޝަހީމް ޢަބްދުލްހަކީމް ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ އަތޮޅުތަކަށް ސިޓީއެއްގެ ދަރަޖަ ނުލިބެންޏާ މޭޔަރެއް ނުއުފެއްދޭނެކަމަށެވެ. އެހެންކަމުން މިހާރު އޮތްގޮތަށް އޮތުން ތަޢީދުކުރާކަމަށެވެ. އަދި ރަށު ކައުންސިލަށް ހޮވިވަޑައިގަންނަވާ ބޭފުޅަކު އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަތުމުން އެރަށެއް ތަމްސީލްކުރުމަށް ފުރުޞަތު ލިބިގެންދަކަމަށެވެ.
"އެއްފަސްވެފައިވާ ތަންތަނުގައި ސިޓީ ކައުންސިލް އުފެދުމަކީ މަސައްކަތަށް ފަސޭހަވެދާނެކަމެއް. އެހެންނަމަވެސް ދުރު ހިސާބުތަކުގައި ހުންނަ ރަށްރަށް އެއްކޮށްލައިގެން ސިޓި ކައުންސިލެއް ހަދައިފިކަމަށްވަންޔާ އޭގަ އިދާރީ ދަތިތަކެއް މަސައްކަތްކުރުމުގައިވެސް ހުންނާނެކަމަށް ޤަބޫލުކުރެވޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.
އަތޮޅު ކައުންސިލަރުން އިއްތިޚާބުކުރާނެގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު ވިދާޅުވީ، އަތޮޅު ކައުންލް އެކުލެވިގެންވަނީ މުޅި އަތޮޅުގެ މައްޗަށްކަމަށްވާތީ އިތުރު އަތޮޅުވެރިޔަކު ޢައްޔަންކުރުމުގެ ބޭނުމެއް ނެތްކަމަށެވެ. މިހާރު އޮންނަގޮތަށް ކައުންސިލް މެންބަރުންގެމެދުގައި ރައީށްއަކު ހޮވުން ރަނގަޅުަކަމށް އެ މެންބަރު ވިދާޅުވިއެވެ.
"ދުވަސްކޮޅަކުން މަޖިލީހުގެ ރައީސްވެސް ހޮވަންޖެހިދާނެ މުޅި ރާއްޖޭގެ ވޯޓަކުން. އަޅުގަނޑަށް ފެންނަނީ މިހާރުވެސް މިއޮންނަގޮތަށް ކައުންސިލްތަކުގެ ރައީސުން އަތޮޅުކައުންސިލަށް ވަޑައިގަތީމާ އެބޭފުޅުން ރައީސްއަކު ހޮވުން ރަނގަޅުކަމަށް." ޙުސައިން ވަޙީދު ވިދާޅުވިއެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްވެސްވަނީ މިހާރު އޮންނަގޮތަށް ކައުންސިލް މެންބަރުންގެ މެދުގައި ރައީސްއަކު ހޮވުމަށް ތާޢިދުކޮށްފައެވެ. ނަމަވެސް ސަލީމް ވަނީ ކައުންސިލްގެ ރައީސް ރޮޓޭޓްވާގޮތަށް ނުވަތަ ބަދަލުވާގޮތަށް އޮންނަންޖެހޭކަމަށް ވިދާޅުވެފައެވެ. އެއިރުން އެންމެ ކުޑަ ރަށްވެސް ތަމްސީލްކުރަން ފުރުޞަތު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި އަތޮޅު ކައުންސިލްގައި ތިއްބަވާނީ ކުޑަޔަސް ބޮޑަސް ހުސް ރައީސުން. ކޮންމެ ރަށަކުންވެސް ވަޑައިގެން އެ ހުންނަވަނީ އެއް ހައިސިއްޔަތަކުން ބޭފުޅަކުން. އެބޭފުލޫންގެ މައްޗަށް އިތުރު ރައީސްއަކު އިންތިޚާބުކުރުމަށްވުރެ ރޮޓޭޝަނަލް ބޭސިސްގަ ރިޔާސަތު ބަލަހައްޓާގޮތަށް އޮތުން. އެއިރުން އަތޮޅުގެ ކަންކަމުގަ އެންމެ ކުޑަ ރަށްވެސް ބަސް ބުނުމުގެ ފުރުސަތުލިބޭނެ." އަޙްމަދު ސަލީމް ވިދާޅުވިއެވެ.
މެންބަރުން ވަނީ އަތޮޅު ކައުންސިލްގެ ރައީސްއާއި މޭޔަރުންގެ މުސާރަ ތަފާތުކުރުން ކުޑަކުރުމަށްވެސް ގޮވާލާފައެވެ. އެކަމަށް ތާޢީދުކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ ވަޒީރަކާ އެއްވަރެއްގެ މުސާރައެއް އަތޮޅުވެރިޔާއަށްވެސް ލިބިވަޑައިގަންނަވަންޖެހޭކަމަށް އެމަނިކުފާނު ޤަބޫލުފުޅުކުރައްވާކަމަށެވެ.