ޚަބަރު

ރާއްޖޭގެ "ފްރީޑައިވް ވޯރލްޑް ރިކޯޑް" ގިނިސް ވޯރލްޑް ރިކޯޑް ފޮތުގައި ރަސްމީކޮށް ހިމަނައިފި


ރާއްޖޭން ޤާއިމުކުރި "ފްރީޑައިވް ވޯރލްޑް ރިކޯޑް" ގިނިސް ވޯރލްޑް ރިކޯޑް ފޮތުގައި ރަސްމީކޮށް ހިމަނައިފިއެވެ.

ރާއްޖޭން ފްރީޑައިވް ވޯރލްޑް ރިކޯޑް ޤާއިމުކޮށްފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ "ނޭވާ ފްރީ ޑައިވިންގ" ހަރަކާތުގެ ތެރެއިންނެވެ. މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ އޮކްޓޯބަރމަހުގެ 1 ވަނަ ދުވަހު ބަރޮސް އައިލެންޑްގެ ފަޅުތެރޭގައެވެ.

2009 ވަނަ އަހަރު 280 މީހުނާއެކީ އިޓަލީގެ ވެރޯނާއިން ޤާއިމުކުރި މި ރިކޯޑު ރާއްޖެއިން މުގުރާލާފައިވަނީ 521 ޑައިވަރުންނާއެކުގައެވެ. މި ރެކޯޑް ހެދުމަށް ޑައިވަރުން ވަނީ 30 ސިކުންތު ވަންދެން 3 މީޓަރު އަޑިއަށް ފީނާފައިވެއެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖެއިން ހެދި ފުރަތަމަ ވޯލްޑް ރިކޯޑެއެވެ.

މިހަރާކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙާއި، ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން ދުނިޔޭގެ ވަރލްޑް ރިކޯޑް ދެފަހަރަށް ހާސިލުކޮށް، ވަރލްޑް ޗެންޕިއަން ފްރީޑައިވަރގެ މަޤާމު ހާސިލުކޮށްފައިވާ ނިއުޒީލެންޑްގެ ރައްޔިތެއްކަމަށްވާ ވިލިއަމް ޓްރޫބްރިޖް ވެސް ވަނީ ބައިވެރިވެފައެވެ.

މި ފްރީޑައިވިންގް ޙަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމުން ގިނިސް ވަރލްޑް ރިކޯޑުގެ އޮފިޝަލުން ވަނީ "ނޭވާ" ފްރީޑައިވިންގް ޙަރަކާތަކީ ދުނިޔޭގެ އާ ވަރލްޑް ރިކޯޑެއްކަމުގައި ކަނޑައަޅައި، އެކަމުގެ ހަނދާނީ ލިޔުންވެސް ޙަވާލުކޮށްފައެވެ.

ދުނިޔޭގެ ފަތުރުވެރިކަމާއި ގުޅިގެން ކުރިއަށްގެންދިޔަ ފްރީ ޑައިވް ވޯލްޑް ރިކޯޑްގެ އިތުރުން ވެސް އިތުރު ވޯލްޑް ރިކޯޑް އެޓެމްޓްތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މާލެ ވަށައިގެން ހިއުމަން ރިންގެއް އަޅައި ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.