މިއަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ %0.37 އިތުރުވެއްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާންމުކޮށްފައިވާ އޮކްޓޯބަރ މަހުގެ ތަފާސްހިސާބުތަށް ދައްކާގޮތުން އޮކްޓޯބަރ މަހުގެ ތެރޭގައި އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް އާމްދަނީގެ ގޮތުގައި 288 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ލިބިފައިވަނީ 287 މިލިއަން ރުފިޔާއެވެ. މިއީ 0.37 އިންސައްތަ އިތުރު އަދަދެކެވެ.
ފާއިތުވި އޮކްޓޯބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު 10 އިންސައްތަ ވަނީ އިތުރުވެފައެވެ. 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ދިވެހިރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮކްޓޯބަރ މަހު މި ޢަދަދުވަނީ 4.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަގުގެގޮތުން އެންމެ ގިނައިން މުދާ އިންޕޯޓްކުރި 5 ޤައުމުގެ ތެރޭގައި ހިމެނެނީ ޗައިނާ، ޔޫއޭއީ، ސިންގަޕޫރު، އިންޑިއާ އަދި މެލޭޝިޔާއެވެ.
އޮކްޓޯބަރ މަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަގުވެސް ވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހާއި އަޅާބަލާއިރު 16 އިންސައްތަ އިތުރުވެފައެވެ. އަގުގެގޮގުން ބަލާއިރު އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވާ 5 ޤައުމުގެ ތެރޭގައި ހިމެނެނީ ތައިލޭންޑް، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، އެމެރިކާ އަދި ޖަރުމަނުވިލާތަށެވެ.